ތެހެރާން (ޖުލައި 20) : މަދަނީ ކަންކަންކަމުގައި ބޭނުންކުރެވޭ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމުގެ ކަންތައް އަވަސް ކުރުމަށްޓަކައި އީރާނުގެ ނިއުކްލިޔަ ރިއެކްޓާ ތަކުގައި ހައިޓެކް ނިއުކްލިޔަ ސެންޓްރިފިއުޖްގެ މެޝިންތަކެއް ހަރުކުރަމުން ގެންދާކަން އެޤައުމުން ހާމަކޮށްފިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ރަމޭން މެހްމާ ބްރާސްތް އިއްޔެ ވިދާޅުވީ ދެ ބާވަތެއްގެ ހައިޓެކް ސެންޓްރިފިއުޖްގެ މެޝިން އީރާނުގެ ނިއުކްލިޔަ ލެބޯޓްރީތަކާއި ރިއެކްޓަ ތަކުގައި އިންޖިނޭރުން މިހާރު ހަރުކުރަމުން ގެންދާ ކަމުގައެވެ.

މި މެޝިންތައް ހަރުކުރަމުން ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އެތަށް ގުނައެއް އަވަސްވާނެ ކަމަށާ މިހާރު ބޭނުންކުރާ މެޝިންތަކަށްވުރެ އަލަށް ހަރުކުރާ ހައިޓެކް ސެންޓްރިފިއުޖް މެޝިންތަކުގެ ޤާބިލްކަން އިތުރުވުމުން އެތަށް ގުނައެއް އަވަސްކޮށް ޔޫރޭނިޔަމް ފައްކާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫރޭނިޔަމް ފައްކާކުރާ މިންވަރު 20 ޕަސެންޓަށް މަތިކުރާނެކަން މިދިޔަ އަހަރު އީރާނުން ހާމަކުރުމުން އެމެރިކާއާއި ޔޫރަޕުންވަނީ އީރާނުގެ މަޤްސަދަކީ ނިއުކްލިޔަ ހަތިޔާރު އުފެއްދުންކަމަށް ބުނެ ކަންބޮޑުވާކަން ހާމަކޮށްފައެވެ. ނަމަވެސް އީރާނުން ނިއުކްލިޔަ ހަތިޔާރުގެ ޕްރޮގްރާމެއް ކުރިޔަށްގެންދާ ކަމުގެ ހެކި ދެއްކުމުގައި އެމެރިކާއާއި ޔޫރަޕްވަނީ މުޅިން ނާކާމިޔާބުވެފައެވެ.

ކެންސަރުފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ރޭޑިޔޯ އެކްޓިވް އައިސެޓޯބްސް އުފެއްދުމަށާއި ނިއުކްލިޔަރ އެނަރޖީން ކަރަންޓް އުފެއްދުމަށާއި ދަނޑުވެރިކަމާއި ސިނާޢީ ބޭނުންތަކަށްޓަކައި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް އަވަސްކުރުން ވަނީ ނިހާޔަތަށް ބޭނުންވެފައި ކަމަށް އީރާން ބުނެއެވެ.

އީރާނުގެ ނިއުކްލިޔަރ ލެބޯޓްރީ ތަކުގައި އަލަށް ހަރުކުރާ ހައިޓެކް މެޝިންތަކަކީ އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ މެޝިންތަކެއް ކަމަށް ޚަބަރު ލިބެއެވެ. އެމެރިކާގެ ނުފޫޒުގައި ފާސްކޮށްފައިވާ އދ. ގެ ޤަރާރުތަކުގެ ދަށުން މިފަދަ މެޝިންތައް އީރާނަށް ވިއްކުންމަނާކޮށްފައިވާތީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަށް ބޭނުންވާ މެޝިނަރީ މިހާރަކަށް އައިސް އުފައްދަމުން ގެންދަނީ އީރާނުގެ އަމިއްލަ ޓެކްނޮލޮޖީގައި ކަމަށް އެޤައުމުން ބުނެއެވެ.

ޔޫރޭނިޔަމް ފައްކާކުރުމަށް އީރާނުން ހައިޓެކް މެޝިންތަކެއް ބޭނުންކުރުމުން އެމެރިކާއާއި ޔޫރަޕުން ކުރިޔަށްވުރެ ކަންބޮޑުވެ އީރާނުގެ މައްޗަށްކުރާ ތުހުމަތުތައް އިތުރުކޮށް ފިއްތުންތައް ވަރުގަދަ ކުރާނެ ކަމަށް ބުނެއެވެ. -- ރޮއިޓާސް