ސަލްޓަން ޕާކު ތަރައްގީ ކުރުމުގެ ތެރޭގައި ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އެއްވެސް ގަހެއް ކަނޑާފައި ނުވާނެ ކަމަށާއި، އެތަން ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން އެ ޕާކުގައި އިތުރަށް 2،000 އެއްހާ ގަސް ޖަހައި، ޕާކު ވަރަށް ފެހިކުރާނެ ކަމަށް ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަލްޓަން ޕާކު ތަރައްގީކުރުމުގެ ތެރޭގައި، އެތަނުގައި ހުރި ދުވަސްވީ ބައެއް ގަސްތައް ކަނޑަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދު ދެއްވަމުން، ހައުސިންގް މިނިސްޓަރު މުއިއްޒު "ސަން"އަށް ވިދާޅުވީ، ސަލްޓަން ޕާކުގައި ހުރި ތާރީޚީ އެއްވެސް ގަހަކަށް ގެއްލުމެއް ދީފައި ނުވާނެ ކަމަށެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝަހީމް

އެހެން ނަމަވެސް، މީހުންނަށް ގެއްލުން ވެދާނެ ގޮތަށް، ވެއްޓެން ކައިރިވެފައި ހުރި ގޮފިތައް ކަނޑާފައި ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިސާލަކަށް އެތަނުގައި ފިތުރޯނު ގަހެއް އެބަހުރި. އޭގެ ވަރަށް ބޮޑު ގޮފިގަނޑެއް ކުރީ ދުވަހަކުވެސް ވެއްޓި، އެތަނުގައި މަސައްކަތް ކުރާ ސިފައިންގެ ބޭކަލުންނަށް ކިރިޔާ ގެއްލުމެއް ނުވީ،

"ކުޑަކުދިން އެތަން ބޭނުންކުރަން ފަށާއިރު ގެއްލުމެއް ވެދާނެ ކަހަލަ ގަސްތަކުގައި ކޮންމެވެސް ވަރަކަށް ކޮށާލައި ހަދާފައި ހުންނާނެ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް އެއާ ޚިލާފަށް، ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ އެއްވެސް ގަހަކަށް އެއްވެސް ގޮތެއް ހަދާފައި ނުވާނެކަމުގެ ޔަގީންކަން ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު ދެއްވިއެވެ.

"އަމުދުން ތާރީޚީ ވެލިއުއެއް ހުރި އެއްޗެއް، މިސާލަކަށް ކުރީގެ ވެރިއަކު އިންދި، ނުވަތަ އެތައް އަހަރެއް ވީ އެއްވެސް ގަހެއް އަޅުގަނޑުމެން ނުކަނޑާނަން. އެތަނުގެ ބޭނުމަކީވެސް ކަލްޗަރއާ ތާރީޚު ދެމެހެއްޓުން،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

ސަލްޓަން ޕާކު ތަރައްގީކޮށް ނިމުމުން އެތަން ހުންނާނެ ގޮތުގެ ކުރެހުމެއް--

މީގެ އިތުރުން، ސަލްޓަން ޕާކު ތަރައްގީކުރުމުގެ ތެރެއިން އެތަނުގައި ވިނަ އިންދައި، 2،000 އެއްހާ ގަސް އިތުރަށް އިންދުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ވަށައިގެން ޖަހާ ފެންސަކީވެސް ގަސް ފެންސެއް. އެތެރޭގައިވެސް އެކި ސައިޒުގެ މާ ގަސްތަކާ އެކު، ކުރިޔަށް ވުރެ އެތައް ގުނައެއް ފެހިވެގެން ދާނެ،" ހައުސިންގް މިނިސްޓަރު ވިދާޅުވިއެވެ.

ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކްއާ ހަވާލުކޮށްގެން ސަލްޓަން ޕާކު ތަރައްގީކުރުން ބާރު ސްޕީޑުގައި ކުރިޔަށްދާ އިރު، އެ ޕާކުގެ ބޮޑުބައި ނިންމައި، އަންނަ މަހުގެ ތެރޭގައި ހުޅުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕާކުގެ އެންމެ ތަފާތު ބައި ކަމުގައިވާ، ފިނި މޫސުން ނުވަތަ ވިންޓަރ ތީމަށް ތަރައްގީކުރާ ސަރަހައްދު ެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.