އުތީމަކީ ދިވެހިންގެ ހިތުގައި މަތިވެރި ގަދަރެއް ދެވިފައިވާ ރަށެކެވެ. ދިވެހި ތާރީހުގައި ގައުމަށް ކާމިޔާބީ ހޯދައިދިން ބަތަލުންތަކެއް އެ ރަށަކުން އުފަންވީތީ ފަހުރުވެރިވާ ރަށެކެވެ. ގަދީމީ އަސާރީ ތަރިކަތަކެއް ފަނޑުނުވެ، ލޯމައްޗަށް ގެނެސްދޭ ރަށެކެވެ. ނަމަވެސް މީދެ ތިން ދުވަސް ކުރިން އުތީމުގައި ފެންމަތިވި އަޑުތަކާއެކު ރަށުގެ މޫނުމައްޗަށް ވަނީ ކިލަނބުކަން އައިސްފަ އެވެ.

ދެމަފިރިއެއްގެ ގުޅުން ވީޑިއޯ ކޮށް ބެލި ކަމުގެ ތުހުމަތުތަކެއްގައި ބަންދުވި އުތީމު ހޭޒްލީން، މުހައްމަދު ހަސަން 26، އާއި ކެތީރޯޒް، އަލީ މުނާޒު 21،ގެ ވާހަކައާއެކު، ރަށުގެ ގިނަ ބަޔަކު އެ ދެ މީހުންގެ މައްޗަށް ތުހުމަތުކުރަނީ މުޅި ރަށް ބަރަހަނާކޮށް ލަދު ގަންނަވައިފި ކަމުގެ ތުހުމަތެވެ.

"ޔަގީންކަމެއް ނެތް އަހަރެންގެ ފޮޓޯއާއި ވީޑިއޯ އެ މީހުންގެ އަތުގައި ނުހުންނާނެ ކަމެއް. ކޮޓަރީގައި ވެސް ފެންލައިޓް ހުންނާނެ އަދި ފާހާނައިގައި ވެސް ފެންލައިޓް ހުންނާނެ. އެތަނުން އެ ވައްދައިގެން އެ މީހުން އެ ގަނޑު ގަނެފާނެ. އަހަރުމެން ދެމަފިރިން ވެސް މިތިބީ ބިރުން. އެބަޔަކު އެކަންކޮށްފައި ހުރިއްޔާ އެ އެއްޗެހި ލީކުނުވިއްޔާ ރަގަނޅު،" ކައިވެނިކޮށްގެން އުޅޭ އުތީމު ޒުވާން އަންހެން ކުއްޖަކު ކިޔައިދިނެވެ. އެނާ ބުނީ އާއިލާތެރޭގައި އެ ވާހަތައް ދެކެވެމުންދާ ކަމަށާއި އެންމެވެސް މިހާރުތިބީ ލަދުން ކަމަށެވެ.

ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެ ރަށު އެމްޑީޕީ ގޮފީގެ ވަގުތީ ނައިބު ރައީސް އަދި އުތީމު ހެލްތު ޕޯސްޓްގެ ސެކިއުރިޓީ ބަލަހައްޓަމުންދާ މުހައްމަދު ހަސަނާއި އަލީ މުނާޒު، ބަރަހަނާ މަންޒަރު ނެމުމުގެ މަސައްކަތް ކުރަނީ ދަންވަރުގެ ވަގުތުގައި ކަމަށް ވެއެވެ. އެއީ ހެލްތު ޕޯސްޓްގައި ސެކިއުރިޓީ ބަހަލައްޓަމުންދާ ވަގުތުގަ އެވެ.

އަންހެނުންނާއި ފިރިހެނުންގެ ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް އެ މީހުން ނަގާފައިވަނީ ރަށުގެ ކޮޓަރިތަކާއި ގިފިލިތަކުގައި ސްޕައި ކެމެރާއެއް ހަރުކޮށްގެންނެވެ. އެ މީހުން އެކަން ކުރުމުގައި ބޭނުންކުރަނީ އެންމެ ކެމެރާއެކެވެ. ގަލަމެއްގެ ކޮޅުގައި ހަރުކޮށްފައިވާ އިންޗިއެއް ވަރުގެ ސްޕައި ކެމެރާއަކުން ކަމަށް ސަންއަށް މައުލޫމާތު ލިބިފައިވެ އެވެ.

"އަހަރުމެން ގެކައިރީ ހުރި ގެއެއްގެ މީހެއްގެ ވަރަށް ގިނަ ފޮޓޯ ހުރި ކަމަށްވަނީ. އެއީ އެ މީހާ ދިރިއުޅޭ ގޭގެ ފާހާނާގެ މެހި ދާގަނޑު ސިގިރެޓުން ވިރުވައިގެން ކެމެރާ ވައްދާފައިންކަން އެބަ އިނގޭ. ފޮޓޯ އަދި ވީޑިއޯއެއް ނުނަގަންޏާ މެހިދާގަނޑު އެ ގަލަން ވަންނަ ވަރަށް ބާގަނޑު ވިރުވުމުގެ ބޭނުމެއްނެއްތާ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ރަށުގެ އާންމުގެ ބަރަހަނާ މަންޒަރުތައް ނެގުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ މުހައްމަދު ހަސަންގެ ލެޕްޓޮޕްގައި 70 އަށް ވުރެ ގިނައިން އެ ރަށު މީހުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއާ ހުއްޓެވެ. އަދި އެކަން އެނގެނީ ހަސަން މުހައްމަދުގެ އަންހެނުން އެ ރަށުގެ މީހުން ކައިރީގައި އެ ވާހަކަ ކިޔަދީފައި ވާތީ ކަމަށް އެ ރަށު މީހަކު ބުންޏެވެ.

ފުލުހުން އެ ދެ މީހުން ހައްޔަރު ކުރުމުގެ ކުރިންވެސް ރަށު ތެރޭގައި އެފަދަ ވީޑިއޯއެއްގެ ވާހަތައް ދެކެވެމުންދެ އެވެ. ނަމަވެސް އެކަން ޔަގީން ވެގެންދިޔައީ އެ ދެ މީހުން ހައްޔަރު ކުރުމުންނެވެ.

އުތީމު "ލަދުގަންނަވައިލި" ކަމަށް ރަށު މީހުން ދެކޭ މީހުންގެ މައްޗަށް ދައުވާ ކުރަން އެ ރަށުގެ ގިނަ ބަޔަކު ބޭނުން ވެއެވެ. އެކަކު ބުނީ އެ މައްސަލާގައި އާއިލާގެ އެއްވެސް މީހެއްގެ ބަރަހަނާ ފޮޓޯއެއް އެ މީހުންގެ އަތުގައި ހުރެއްޖެނަމަ ވެސް ދައުވާ ކުރާނެ ކަމަށެވެ. އަދި ރަށް ބަދުނާމުކޮށްލި ބައެއްގެ މައްޗަށް ދައުވާ ކުރާއިރު އެ ދެ މީހުންގެ ދިފާއުގައި ރަށުން އެކަކުވެސް ނުނުކުންނާނެ ކަމަށެވެ.

"ފުލުހުންނަށް ގުޅިން މިއަދު އެ މައްސަލާގައި. އަޅުގަނޑު ބުނިން އަހަރެން ފޮޓޯއެއް އެ ލެޕްޓޮޕްގައި ހުރެއްޖަނަމަ ދައުވާ ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބެންޖެހޭނެއޭ. ފުލުހުން ބުނީ އެ ފުރުސަތު ފަހުން ދޭނެ ކަމަށް،" އޭނާ ބުންޏެވެ.

އުތީމުން ހައްޔަރު ކުރި މީހުންނާއެކު ބަރަހަނާ ވީޑިއޯ އާއި ފޮޓޯތައް އަޅާފައިވާ ކަމަށް ޝައްކު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ލެޕްޓޮޕުން އެ އެއްޗެހި ޑިލިޓްކޮށްފައިވާ ކަން ސަން އަށް ވަނީ އެނގިފައިވެ އެވެ. އަދި އެ ލެޕްޓޮޕުން އެ އެއްޗެހި ރިކަވާ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް ވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ފަސް ދުވަހަކަށް ހއ. ދިއްދޫ ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތަހުގީގުތައް ކުރިއަށް ގެންދާނީ ވެސް ދިއްދޫގައި ކަމަށެވެ.