22 Jul 2017, 20:57
ވިންޓަރ ނުވަތަ ފިނި މޫސުން ތަޖުރިބާ ކޮށްލެވޭ ގޮތަށް ތަރައްގީކުރާ ވިންޓަރ ތީމް ސެގްމެންޓާ ނުލައި، އަންނަ މަހުގެ ތެރޭގައި ސަލްޓަން ޕާކު ހުޅުވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ އެންމެ އާސާރީ އެއް ތަން ކަމުގައިވާ ސަލްޓަން ޕާކު މަރާމާތުކުރުމަށް ބަންދުކުރިތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އެތަން ތަރައްގީކުރުމަށް ފުރަތަމަ ހަވާލުކުރީ އެމްޓީސީސީއާއެވެ. ނަމަވެސް ފަހުން އެ މަސައްކަތް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އަށް ވަނީ ދީފައެވެ.
ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު "ސަން"އަށް ވިދާޅުވި ގޮތުގައި، އަންނަ މަހު ސަލްޓަން ޕާކުގެ ބޮޑުބައެއް ހުޅުވާ އިރު، އެތަނުގައި ހަދާނެކަމަށް އިއުލާންކުރި ވިންޓަރ އެކްސްޕީރިއަންސް ސެގްމެންޓް ނުހުޅުވާނެއެވެ.

ހައުސިންގް މިނިސްޓަރ ޑރ. މުއިއްޒު، ސަލްޓަން ޕާކުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވަނީ -- ފޮޓޯ/ ހައުސިންގް މިނިސްޓްރީ
"އެތަން އަދި ނިންމުމަށް އިތުރު ވަގުތު ބޭނުންވޭ. އެތަން އަމާޒުކުރަނީ ނޮވެމްބަރު މަހު ހުޅުވޭނެކަމަށް. އެބައި ވަކިކޮށްލާފައި ޕާކުގެ ބޮޑުބައި ހުޅުވާނެ އަންނަ މަހު،" މުއިއްޒު "ސަން"އަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ސަލްޓަން ޕާކުގެ މަސައްކަތް މިހާރު ކުރިޔަށްދަނީ ވަރަށް ބާރަށް ކަމަށާއި، އެ މަސައްކަތުގެ ސްޕީޑު ބާރުވީ ސިފައިންގެ ކުންފުންޏާ ހަވާލުކުރި ހިސާބުން ކަމަށެވެ. އަދި ހައުސިންގް މިނިސްޓްރީން އެތަން ހަދަން ބޭނުންވާ ޑިޒައިނަށް، ވަރަށް ފުރިހަމައަށް ސިވެކުން މަސައްކަތް ފުރިހަމަކޮށްދެމުންދާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީކުރަމުންދާ އިރު، އެތަން ހުޅުވާނީ މުނިފޫހިފިލުވުމުގެ އިތުރުން، ކުޑަކުދިންނަށް މައުލޫމާތު ލިބޭނެފަދަ ކަންތަކާވެސް އެކުގައެވެ. އަދި ކުރީގެ ގައުމީ ދާރުލްއާސާރު ހިންގި އުސްގެކޮޅު އިމާރާތް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ހަދާނެއެވެ.
ސަލްޓަން ޕާކުގެ އެންމެ ތަފާތު ކަމަކަށް ވާނީ ރާއްޖެއާ ބީރައްޓެހި މޫސުމެއް ކަމުގައިވާ ވިންޓަރ (ފިނި މޫސުމުގެ) ތީމަށް ހެދޭ ސެގްމެންޓެވެ. އެތަނުން ވިންޓަރ ތަޖުރިބާ ކޮށްލަން ލިބޭ އިރު، އައިސް ރިންކެއްވެސް ހަދާނެކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައިވެއެވެ.