ކާބުލް (ޖުލައި 22): އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ ހެލްމަންޑް ޕްރޮވިންސުގައި އެމެރިކާއިން ދިން ވައިގެ ހަމަލާއެއްގައި އެގައުމުގެ 16 ފުލުހުން މަރުވެއްޖެ ކަމަށް އަފްގާން އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އަފްގާން ފުލުހުންނަށް އެހަމަލާ އަމާޒުވީ އެމެރިކާއާ ގުޅިގެން ތާލިބާން ހަނގުރާމަވެރިންނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އޮޅުމަކުން ކަމަށް އަފްގާން ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

"އެހަމަލާގައި 16 އަފްގާން ފުލުހުން މަރުވި. އޭގެ ތެރޭގައި ދެ ކޮމާންޑަރުންވެސް ހިމެނޭ. އަދި އިތުރު ދެ ފުލުހުންނަށް އަނިޔާވި،" ހެލްމަންޑްގެ ފުލުހުންގެ ތަރުޖަމާނު ސަލާމް އަފްގާން ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވެސް ވަނީ އެމީހުން ދިން ހަމަލާއެއްގައި އަފްގާން ފުލުހުން މަރުވި ކަމަށް އެއްބަސްވެ، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފަ އެވެ. ނަމަވެސް އެހަމަލާގައި މަރުވީ ކިތައް ފުލުހުންކަން އެމެރިކާގެ އަސްކަރިއްޔާއިން ނުބުނެ އެވެ.

އަފްގާނިސްތާނާއި އެމެރިކާއިން މިހާރު ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ. (ބީބީސީ)