ޖިއްދާ(ޖުލައި 22): މިދިޔަ ބުރާސްފަތި ދުވަހު ޖިއްދާގެ މިސްކިތެއްގައި ފަތިސް ނަމާދަށް ބަންގި ގޮވަން ތައްޔާރަށް ހުންނެވި އިމާމު، ގުރުއާން ކިޔަވާން އިންނަވަނިކޮށް ނިޔާވެއްޖެ އެވެ.

ސައުދީ އަރަބިއާގެ ނޫހެއް ކަމަށްވާ ސަބްގުގައިވާ ގޮތުން އުމުރުން 60 އަހަރުގެ އަބްދުލް ހައްގު އަލް ހަލަބީ ނިޔާވީ ފަތިސް ނަމާދަށް ބަންގި ގޮވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. އަދި އޭނާ ނިޔާވިކަން އެނގުނީ ބަންގި ގޮވަން ނުތެދުވުމުން، މިސްކިތުގައި އިން މީހަކު އިމާމްގެ ގާތަށް ދިޔުމުން ކަމަށް މަންޒަރު ދުށް ފަރާތަކާ ހަވާލާދީ އެ ނޫހުގައިބުނެ އެވެ.

އިމާމް ހަލަބީ ނިޔާވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިތާމަ ފާޅު ކުރި ފަރާތްތަކުން ވަނީ އޭނާއަކީ ގުރުއާން ކިޔެވުމަށް ލޯބިކުރާ އަދި ނަމާދަށްދާ ފަރާތްތަކަށާއި ހައްޖުވެރީންނަށް ވަރަށް ބޮޑަށް އެހީތެރިވާ ބޭފުޅެއް ކަމަށް ބުނެފަ އެވެ.

ސައުދީ އަރަބިއާގައި ދިރިއުޅުއްވާތާ 40 އަހަރުވެފައިވާ އިމާމް ހަލަބީ އުފަންވީ ސީރިއާއަށް ކަމަށާއި އޭނާ ނިޔާވި އިރު، އޭނާގެ ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިން ތިބި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.