ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގަތުމަށްފަހު ޕީޕީއެމާ ގުޅިވަޑައިގަތް އަށް މަޖިލިސް މެމްބަރުން އަލުން އަނބުރާ އެޕާޓީއާ ގުޅިވަޑައިގަތިމަށް ދައުވަތުދޭން ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު "ސަން" އަށް ވިދާޅުވީ އެގޮތަށް ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެޕާޓީގެ ހިންގާ ކޮމެޓީގެ 100 ވަނަ ބައްދަލުވުމުގައި ކަމަށެވެ.

ޖޭޕީގެ ހިންގާ ކޮމެޓީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އެ މެމްބަރަކު އިންތިޚާބުވެވަޑައިގަތް ޕާޓީ، ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އިންތިޚާބުވި ޕާޓީ ދޫކޮށް އެހެން ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް އިއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޖޭޕީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގަތް މެމްބަރުންނަކީ:

1. ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ

2. ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު

3. މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު

4. ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިން

5. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުއްﷲ އަހުމަދު (އަބުޅޯ)

6. ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން

7. އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ

8. ނޮޅިވަރަން ދާއިރާގެ މެމްބަރު ހުސެއިން އަރީފް

އެ މެމްބަރުންގެ ތެރެއިން ހުސައިން އަރީފް ޖޭޮޕީ ދޫކުރައްވައި އެންމެ ފުރަތަމަ ގުޅިވަޑައިގަތީ ޕީޕީއެމާއެވެ. އެއަށްފަހު ދެން ގުޅިވަޑައިގަތީ އެމްޑީއޭއާއެވެ. ނަމަވެސް ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓުދޭތީ އޭނާ ވަނީ ޕާޓީން ވަކިކޮށްފައެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ހުކުމް ކުރުމާއެކު އިލްހާމާއި ޝަހުދީ އާއި މުހައްމާ އާއި އަބުޅޯ ވަނީ އެ ޕާޓީން ވަކިވެވަޑައިގަތުމަށް ޕާޓީގެ އޮފީހަށް ސިޓީ ފޮނުވާފައެވެ. ނަމަވެސް އެ ސިޓީއާއެއްގޮތަށް އަމަލުނުކޮށް އެބޭފުޅުންގެ ސުލޫކީ މައްސަލަތައް ބަލަން ޕީޕީއެމް އިން ވަނީ ފަށާފައެވެ.

އެގޮތުން ސުލޫކީ މައްސަލަ ބެލުމަށްފަހު ޕީޕީއެމް އިން ވަނީ އިލްހާމް އެޕާޓީން ވަކިކޮށް، ޕާޓީގެ ދަފްތަރުން އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައެވެ. އަދި އެ ކޮމިޝަނުން ވަނީ އޭނާ ޕާޓީން ވަކިކުރިކަން ލިޔުމުން ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ.