ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީ ނަސީރު މުހައްމަދު، ސަފީރުކަމުގެ ފަތްކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް މިއަދު އަރުވައިފިއެވެ.

ރާއްޖެއިން އެމެރިކާއަށް ކެނެޑާއަށް އަދި ނިއުޔޯކްގައި ހުންނަ އދގެ މައި އޮފީހަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކުރީގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު އައްޔަނުކުރެއްވީ ޖުލައި ނުވަވަނަ ދުވަހުއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްގެ ފިރިކަލުން ޑރ. އަލީ ނަސީރަކީ ރާއްޖެއިން އެމެރިކާއަށް ކަނޑައެޅި ހަވަނަ ސަފީރެވެ.

ޑރ. އަލީ ނަސީރު މުހައްމަދު ވަނީ އޮސްޓްރޭލިއާގެ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން، ޚާރިޖީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިފައެވެ.

ރާއްޖޭގެ ޚާރިޖިއްޔާގައި 1985 ވަނަ އަހަރުން ފެށިގެން ޚިދުމަތް ކުރައްވަމުން އަންނަ ޑރ. އަލީ ނަސީރު ވަނީ، ފޮރިން މިނިސްޓްރީއާއި ރާއްޖެއިން ބޭރުގައި ހުންނަ އެކިއެކި މިޝަންތަކުގައި މުހިންމު މަގާމުތަކެއްވެސް އަދާކުރައްވައިފައެވެ.