ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް،މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ދ. ކުޑަހުވަދޫއިން ހޯދައިފިއެވެ.

ކުޑަހުވަދޫން މި މުބާރަތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ގދ. ތިނަދޫ 2-0 ގެނަތީޖާއިން ބަލިކޮށްގެންނެވެ.

މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުން ކުޑަހުވަދޫ ނުކުތް އިރު އެ ޓީމްވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ކުޑަހުވަދޫއިން ކާމިޔާބުކޮށްފައިވަނީ މެޗުގެ 19ވަނަ މިނިޓްގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރްފާން އާދަމް ނަޞީރެވެ.

ފުރަތަމަ ހާފު އެ ނަތީޖާއާއެކު ނިމިގެންދިޔައިރު ދެވަނަ ހާފުގެ 79 ވަނަ މިނިޓްގައި އަފޯނިއޯ ޖިބޯލާ ވަނީ ލަނޑެއް ކާމިޔާބުކޮށް ކުޑަހުވަދޫއަށް ފަރަގު ބޮޑުކޮށްދީފައެވެ. އޭނާއަކީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާއެވެ.

ފައިނަލް މެޗު ކާމިޔާބުކޮށް ކުޑަހުވަދޫ މިނިވަން ޗެމްޕިއަންޝިޕް ހޯދިއިރު އެ ޓީމާއި ރަނަރަޕް ތިނަދޫ، މިލަންދޫ އަދި މާޅޮސްވަނީ ޕްރިމިއާލީގަށް ކޮލިފައިވެފައެވެ.