21 Jul 2017, 20:41
އިދިކޮޅު ފަރާތްތައް މިހާރު ތިބީ އެމީހުންގެ ސިޔާސީ ފަހު ނޭވާގައި ކަމަށް މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނާޖީ ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޗެނަލް 13 އިން ރޭ ގެނެސްދިން "ނިވްސް ޓޯކް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާތްތައް ތިބީ ފަހުނޭވާގައި ކަމަށާއި އެބޭފުޅުންގެ ޕްލޭންތައް ފެއިލްވުމުން އެހެނިހެން ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިދިކޮޅު ފަރާތްރަކުން އެދަނީ އެމީހުންގެ ފަހުނޭވާގައި އެކިކަންތައް ޓްރައި ކުރަމުން. ފުރަތަމަ އެބޭފުޅުން ޓްރައިކުރެއްވީ މަޖިލިސްގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓް ކާމިޔާބު ކުރައްވަން. އެކަން މިހާރު އެވަނީ އެބޭފުޅުންނަށް އެއްކޮށް ނާކާމިޔާބު ވެފައި. ދެން އެބޭފުޅުން މިހާރު އެކުރައްވާ ކަމަކީ އެޖީ އަނިލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން ކުރާ މަސައްކަތް،" މިނިސްޓަރު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ތަރައްގީގެ ސިޔާސަތު މަޑުޖައްސުވާލަން މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވަނީ ތުހުމަތު ކުރައްވައިފައެވެ.
ތަރައްގީ މަޑުޖައްސުވާލަން އުޅުނަސް މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށާއި ވެރިކަން ބޭނުންނަމަ ތަރައްގީއަށް ހުރަސް ނާޅައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް މަޑުކޮށްލުމަށް ތޯރިގު ވަނީ ގޮވާލައްވައިފައެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ދަހިވެތިކަމުގައި ކުރަމުންދާ ކަންތައްތަކަކީ ހަގީގަތުގައި ރައްޔިތުންނަށް ގޯނާ ކުރުން ކަމަށެވެ. އަދި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ އަރާހަމަނުކުރެވޭނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާ ކަމަށް ވެސް އެންވާރަމެންޓް މިނިސްޓަރު ވިދާޅުވިއެވެ.