21 Jul 2017, 21:20
ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ، ޗައިނާގައި ޝޯ ދިނުން މަނާކޮށްފައިވާ ކަމަށް ބެއިޖިންގް މުނިސިޕަލް ބިއުރޯ އޮފް ކަލްޗާއިން ބުނެފި އެވެ.
އެ ބިއުރޯ އިން މިހެން ބުނީ، އޭޝިއާ ސަރަހައްދުގެ ޓުއާއެއް ފެށުމަށް ޖަސްޓިން ނިންމާފައިވާ އިރު، ޗައިނާގައި އެއްވެސް ޝޯއެއް ދޭން ހަމަޖެހިފައި ނެތުމުން އެކަމާ މެދު ޖަސްޓިން އަށް ތާއީދުކުރާ ފަރާތަކުން އެ ބިއުރޯގައި ސުވާލުކުރުމުންނެވެ.
ބެއިޖިންގްގެ ކަލްޗާ ބިއުރޯ ޢިން ނެރުނު ބަޔާނެއްގައި ބުނީ، ޖަސްޓިން ބީބާ އަކީ ހުނަރުވެރި ލަވަކިޔުންތެރިއެއް ނަމަވެސް، އޭނާއާ މެދު އާންމުންގެ ގިނަ ބަޔަކު ނުރުހޭ ކަމަށެވެ.
އެ ބިއުރޯގެ ބަޔާނުގައި ބުނީ، މުނިފޫހި ފިލުވައިދޭ ފަންނާނަކަށްވި ނަމަވެސް، ގޯސް އަމަލުތަކާ ގުޅިފައިވާ ފަންނާނުން ޗައިނާއަށް އެތެރެވުމުގެ ހުއްދަ ދިނުމަކީ މާ ރަނގަޅުކަމެއް ނޫން ކަމަށެވެ.
"މި ބިއުރޯ އިން އުންމީދުކުރަނީ ޖަސްޓިން ބީބާ ހަރުދަނާވެ، އޭނާގެ ބަހާއި އަމަލުތައް ރަނގަޅުކޮށް، އާންމުންގެ ލޯބި ލިބިގެންވާ ފަންނާނަކަށް ވުން،" ބެއިޖިންގް މުނިސިޕަލް ބިއުރޯ އޮފް ކަލްޗާގެ ބަޔާނުގައިވެ އެވެ.
ދާދި ފަހުން އިންޑިއާގެ މުމްބާއީގައި ޝޯ ދިނުމަށް ފަހު، ޖަސްޓިން އެންމެ ފަހުން ޗައިނާގައި ޝޯ ދީފައިވަނީ 2013 ވަނަ އަހަރު އެވެ.
ޗައިނާ އިން ވަނީ ދުނިޔޭގެ މަގުބޫލު އެތައް ފަންނާނުންނެއް އެގައުމުގައި މަނާކޮށްފަ އެވެ. ޖަސްޓިންގެ އިތުރުން އިނގިރޭސިވިލާތުގެ މިއުޒިކް ބޭންކް އޮއިސިސްއާއި، އެމެރިކާގެ މަގުބޫލު ބޭންޑް "މެރޫން 5" ވެސް ވަނީ މަނާކޮށްފަ އެވެ.