ރާއްޖޭގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތްކަމަށްވާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް މިރޭ އޮންނައިރު މިރެއަކީ ކޮންމެ ގޮތެއްވިއަސް ފައިނަލުގައި އެއްކޮޅުން ވާދަކުރާ ގދ. ތިނަދޫ އަދި އަނެއްކޮޅުން ވާދަކުރާ ދ. ކުޑަހުވަދޫ ރައްޔިތުނަށް ބޮޑު ރެއަކަށްވާނެއެވެ. ފުޓްބޯޅައިގައި މި ދެ ރަށުގެ ރައްޔިތުންނަށް އަދި އެ ރަށަށް ނިސްބަތްވާ ޓީމަށް މިރޭ ކުރިމަތިލާން ޖެހޭނީ ވަރުގަދަ އިމްތިހާނަކާއެވެ.

ކުޑަހުވަދުއާއި ތިނަދޫ މިހާރުވެސް ޕްރިމިއާ ލީގަށް ކޮލިފައިވެފައިވާއިރު މީގެ ކުރިން ފުޓްބޯޅައިގެ ގަދަ ބާރުތައް ބަލިކޮށް މި ދެޓީމް މިހާ ހިސާބަށް އައުން ވީ ގިނަ ބަޔަކު ހައިރާންކޮށްލި ކަމަކަށެވެ. މިރޭ އެ ދެޓީމްގެ ކުރިމަތިލުން ފެށޭއިރު މި އަހަރުގެ ޕްރިމިއާލީގު ފޯރިގަދަ ވެގެންދާނެ އެއް ސަބަބަކީވެސް އެ ދެޓީމް މުބާރަތަށް ކޮލިފައިވުންކަން ޔަގީނެވެ.

އާބާދީ ބޮޑު މި ދެރަށުގެ ގިނަ އަދެއްގެ ރައްޔިތުން މާލޭގައި ދިރިއުޅޭ އިރު ރޭ ކުރިއަށްދިޔަ ފަރިތަކުރުންތައް ބަލަންވެސް އެ ދެރަށަށް ނިސްބަތްވާ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ދަނޑަށް ގޮސްފައެވެ. މިރޭގެ ފައިނަލް މެޗުގައި، އަހަރުތަކަކަށް ފަހު ގައުމީ ދަނޑު އަނެއްކާވެސް ފުރިގެންދާނެ ކަން ޔަގީނެވެ.

ތިނަދޫ ޓީމް މާލެ އައުމުން އެ ޓީމަށް އެ ރަށު ރައްޔިތުން މަރުހަބާ ކިޔަނީ--ފޮޓޯ/ފޭސްބުކް

ކުޑަހުވަދޫ ޓީމުގެ އިސް އޮފިޝަލަކު ބުނީ މިރޭ ކުޅޭ މެޗަކީ އެޓީމަށް އެންމެ މުހިއްމު އެއް މެޗު ކަމަށާއި އުންމީދަކީ މެޗުން މޮޅުވެ މުބާރާތް ކާމިޔަބުކުރުން ކަމަށެވެ. އަދި ބުނީ ޓީމު މިހާ ހިސާބަށްވެސް އައީ އެ ރަށު ރައްޔިތުންގެ ފުރިހަމަ އެއްބާރު ލުމާއިއެކު ކަމަށާއި އެހެން ކަމުން މިރޭގެ މެޗުގައިވެސް އެ ޓީމަށް ސަޕޯޓް ކުރަން އައުމަށް އެދޭ ކަމަށެވެ.

ތިނަދުއަށް ބަލާއިރު އެ ރަށު ޓީމް މުބާރާތުގެ ފައިނަލްގައި ވާދަކުރުމަށް މާލެ އައި އިރުވަނީ ހާޢްސަ ހަރަކާތްތަކަކާއި އެކު ޓީމަށް މަރުހަބާ ކިޔާފައެވެ. އާބާދީގައި 10000 އަށްވުރެ ގިނަ މީހުން އުޅޭ ތިނަދޫ ޓީމަށް ސަޕޯޓްކުރަން މިރޭ ގިނަ ބަޔަކު ދަނޑަށް ދާނެ ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

ކުޑަހުވަދޫ ފައިނަލާ ހިސާބަށް އައީ ސެމީ ފައިނަލުގައި އއ. މާޅޮސް ބަލިކޮށްގެންނެވެ. ސެމީގެ މެޗުގައި މާޅޮސް ޓީމުގެ މައްޗަށް ކުޑަހުވަދޫން ކުރި ހޯދީ 4-1 ލަނޑުގެ ނަތީޖާއަކުންނެވެ. ތިނަދޫ އަމިއްލަ ދަނޑުގައި ސެމީ ފައިނަލް މެޗުން މޮޅުވީ ށ. މިލަންދޫގެ މައްޗަށް 3-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މި ދެޓީމް ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިރޭ 21:00 ގައި ގައުމީ ދަނޑުގައެވެ. އެ މެޗު ސަން ޓިވީން އަދިސަންސް ޕޯޓްސްގެ ފޭސްބުކް ޕޭޖުން ވަގުތުން ދުރަށް ދައްކާނެއެވެ.