17 May 2010, 15:28
19:00
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހުށަހެޅި މައްސަލަ ބެލުމަށް އެ ކޮމިޓީން ބުދަ ދުވަހު ބާއްވަން އޮތް ބައްދަލުވުން މިއަދު ކެންސަލްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެ ބައްދަލުވުން ކެންސަލްކުރީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުން ކެންސަލްކޮށްފައި ވަނީ މިވަގުތު ލަންޑަންގައި ހުންނެވި، ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ އެންގެވުމަކަށެވެ.
މަޖިލިސް ޗުއްޓީގައި އޮއްވާ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ނުބޭއްވޭނެ ކަމަށާއި އެ ބައްދަލުވުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބޭއްވުމަށް ނިންމާފައިވާ ޖަލްސާއެއް ކަމަށާއި އެޖަލްސާ އެގޮތަށް ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިހިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރ ރީކޯ މޫސާ މަނިކު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އަންނަ ބުދަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އެ ބައްދަލުވުމާ ބެހޭ ގޮތުން ސަންއެފްއެމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޫސަ ވިދާޅުވީ މިހާރު މަޖިލީސް އޮތީ ޗުއްޓީގައި ކަމުން، މަޖިލީސް ޗުއްޓީއަށް ދިއުމުގެ ކުރިން އެފަދަ ބައްދަލުވުމެއް ބޭއްވުމަށް ކޮމިޓީން ނިންމާފައިނުވާއިރު އެފަދަ ބައްދަލުވުމެއް ބޭއްވުމަކީ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާއާ ހިލާފަށް އެ ކޮމިޓީގެ މުގައްރިރު، މުލަކު ދާއިރާގެ ޔާމީން އަބްދުލްގައްޔޫމުގެ އެންގެވުމަކަށް މަޖިލީހުން ބޭއްވުމަށް ހަމަޖެއްސި ބައްދަލުވުމެއް ކަމަށެވެ. މޫސަ އަދި ވިދާޅުވީ އޭނާ ރާއްޖޭން ބޭރުގައި ހުންނަވަނިކޮށް ސަލާމަތާބެހޭ ކޮމިޓީގެ ބައްދަލުވުމަކަށް ދިއުމަށް އެސްއެމްއެސްއަކުން އެންގުމުން، އެކަމާ ގުޅިގެން މަޖިލީހުގެ އަމީން އާއްމަށް ގުޅުއްވުމުން އެބައްދަލުވުމަކީ ގުއަންޓަނާމޯބޭ ޖަލުން ބަޔަކު ރާއްޖެ ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ އެކަމާ ގުޅިގެން އެކޮމިޓީގެ މުގައްރިރުގެ ނައިބް އަދި ތޮއްޑޫ ދާއިރާގެ މެންބަރ އަލީ ވަހީދު ހުށަހަޅުއްވާފައިވާ މައްސަލައަކާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށްވެސް އާމީން އާއްމި ވިދާޅުވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މޫސަ އަދި ވިދާޅުވީ މިވަގުތު ލަންޑަންގައި ހުންނެވި މަޖިލީހުގެ ރައީސް އަބްﷲ ޝާހިދަށް އެކަމާ ގުޅިގެން ގުޅުއްވުމުން ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ކަމަށާއި އަދި އެކަންތައް ބެއްލުވުމަށްފަހު މަޖިލީހުގެ ރައީސް މޫސަ އަށް ގުޅުއްވާ މަޖިލީހުގެ ޗުއްޓީ ތެރޭގައި އެފަދަ ޖަލްސާއެއް ނުބޭއްވޭނެ ކަމަށާއި އެކަންތައް އާމީން އާއްމަށް އަންގަވާފައިވާނެ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
މި ކަމާ ގުޅިގެން ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން މިއަދު ވިދާޅުވީ މަޖިލީސް ޗުއްޓީގައި އޮއްވާ ކޮމިޓީގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ނޯންނާނެ ކަމަށާއި ޤައުމީ މަސްލަހަތު އޮތް މިފަދަ ބޮޑު މައްސަލައެއްގައި އޮއްވާ މަޖިލީސް ޗުއްޓީގައޭ ކިޔާފައިތިބުމަކީ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭ އިންސާފެއް ކަމަށެވެ.