އަންގާރަ ދުވަހުގެ ރެއާއި ބުދަދުވަހުގެ ރޭ މާލޭގައި ހިންގާފައިވާ ބައެއް މާރާމާރީތަކާ ގުޅިގެން ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފި އެވެ.

މާރާމާރީ ހުއްޓުވުމަށް މާލޭގައި ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގައި މިއަދާއި މިރޭ މިހާތަނަށް ޖުމުލަ އަށް މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުންގެ އިސް އޮފިސަރަކު ވަނީ ސަންއަށް ކަށަވަރުކޮށްދީފައެވެ.

ރޭގެ އިރާކޮޅުގެ ވަގުތެއްގައި މާލޭގެ ދެ ސަރަހައްދެއްގައި ވަނީ، ތޫނު އެއްޗަކުން ހަމަލާދީ ދެ މީހަކު ޒަޚަމްކޮށްލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ރޭ އެންމެ ފުރަތަމަ މީހެއްގެ ގަޔަށް ވަޅި ހަރާފައި ވަނީ 8:35 އެހައިކަންހާއިރު މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ކައިރިންނެވެ އަދި ދެވަނަ މީހާގެ ގަޔަށް ވަޅި ހަރާފައި ވަނީ އެލްސިއޯން ބޭކަރީ ކައިރިން ރޭ 9:00 އެހައިކަންހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ ރޭ މާލޭގައި ހިންގި މާރަމާރީގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު އެ މާރާމާރީތަކާ ގުޅިގެން ފުލުހުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.