19 Jul 2011, 18:42
ޑެންގީ ޖެހިގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ އިންޑިޔާ މީހަކު މިއަދު މަރުވެއްޖެ އެވެ. ސެންޓަ ފޯ ކޮމިއުނިޓީ ހެލްތް އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) އިން ބުނީ
ތިނަދޫގައި ފަރުވާ ދެމުންދިޔަ އިންޑިޔާ މީހާ މަރުވީ ޑެންގީ ޝޮކްސިންޑްރޯމްގައި ކަމަށެވެ. އޭނާ ހޮސްޕިޓަކަށް ގެންދިޔައީ މިއަދު ހެނދުނު ކަމަށް ވެސް ބުންޏެވެ.
މަރުވީ އެ އަތޮޅުގައި ހަދަމުންދާ ކޮނޮންޓާ ރިސޯޓެއްގައި މަސައްކަތް ކުރަމުން އައި އުމުރުން 37 އަހަރުގެ މީހެކެވެ.
ސީސީއެޗްޑީސީން ބުނީ ހަދަމުންދާ އެ ރިސޯޓްގައި މަސައްކަތް ކުރާ ވަރަށް ގިނަ މީހުން، ހުން ޖެހިގެން ތިނަދޫ ހޮސްޕިޓަލުން ފަރުވާހޯދުމުން އަންނަ ކަމަށާއި އެހެންވެ ސަރަހައްދުގެ ޤައުމީ އިދާރާ އާއި ހޮސްޕިޓަލާއި ގދ. އަތޮޅުގެ ކައުންސިލް ގުޅިގެން އެ ރިސޯޓަށް ގޮސް، މަދިރި އާލާވާ ތަންތަން ބެލުމަށްފަހު، އެމްއެންޑީއެފް އާއި ޕޮލިސް ގުޅިގެން އެ ރިސޯޓް ސާފުކުރުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.
ސީސީއެޗްޑީސީން ބުނީ މިދިއަ މޭ މަހާއި ޖޫން މަހު މާލެއާއި އަތޮޅު ތަކުގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ޑެންގީ ހުމުގެ ބޮޑު ބައެއް މިހާރު ކޮންޓްރޯލް ކުރެއިފައި ވާއިރު، މިހާރުވެސް ރާއްޖޭގެ ހަތް އަތޮޅަކުން ޑެންގީގެ އަލާމާތްތައް ފެންނަމުން ދާކަމަށެވެ. އެ ހަތް އަތޮޅަކީ އއ، އދ، ތ، ހދ، ހއ، ގއ އަދި ގދ އަތޮޅެވެ.