ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައުފިއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވަނީ އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިއަދު ކަމަށެވެ.

ޔާމީން ރަޝީދު މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ ފޮޓޯ ފުލުހުން ވަނީ އާންމުކޮށްފައެވެ. އެ ތިން މީހުންނަކީ މ. ތާއިފް، އިސްމާއީލް ރަޝީދު،25 އާއި ހ. އަންނާރުމާގެ އިސްމާއީލް ހައިޝަމް ރަޝީދު،21 އާއި މ. އިރާސްމިކްގެ އަހުމަދު ޒިހާން އިސްމާއީލް،22 ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމީހުންގެ ތެރެއިން ހައިޝަމަކީ ހަތިޔާރު ބޭނުންކޮށްގެން ފޭރުގެ މައްސަލައިގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ފޭރުމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްމާއީލް ރަޝީދަކީ ގްރޫޕް ހަދައިގެން ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާ ކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޔާމީން ރަޝީދު މަރާލުމުގައި އިސްކޮށްތިބި މީހުން ވެސް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ތަހުގީގު ވެސް ދަނީ ކުރިއަށް ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ކުރި މަސައްކަތުން 1850 ގަޑިއިރަށްވުރެ ގިނަ ވަގުތުގެ ސީސީޓީވީ ފްޓޭޖް އެނަލައިޒްކޮށް ބަލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެހެންމެ 20 އަހަރާއި 40 އަހަރާ ދެމެދުގެ އުމުރުފުރާގެ 40،000 އަށް ވުރެ ގިނަ މީހުންގެ ފޮޓޯ ބަލައި އެނަލައިޒްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތަހުގީގަށް މިހާރުވެސް އުނދަގޫތަކާއި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"މިދެންނެވި ދަތިތަކާއި ހުރަސްތައް ފުލުހުންނަށް ކުރިމަތިކުރުވިނަމަވެސް ފުލުހުން މަސައްކަތްކުރަމުން ގޮސްފައި ވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ޝާމިލްވާ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ފުލުހުންގެ މުއައްސަސާގައިހުރި ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމަށެވެ،" ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ ދިވެހި ފުލުހުން އަބަދުވެސް މަސައްކަތްކުރަމުންދާނީ ސުލްހަ މަސަލަސްކަމާއި އިންސާފު ރައްޔިތުންނަށް ހޯދައިދިނުމުގެ މާތް މަގުސަދުގައި ކަމަށެވެ. އަދި ހަގީގަތާ ޚިލާފަށް ފާޅުކުރަމުންދާ ޝުއޫރެއްގެ އަޑުއަހައި އެއަށް ރައްދުދިނުމުގެ ބަދަލުގައި ފުލުހުން ކުރިއަށްދާނީ ކަަމުގެ އަސްލަށް ވާސިލުވުމަށްޓަކައި ގަދައަޅައި މަސައްކަތްކޮށްގެން ފުލުހުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.