އިންޑިއާގައި މިހަފްތާގައި ބޭއްވި ރިޔާސީ އިންތިޚާބު، ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކެންޑިޑޭޓު ރާމް ނާތު ކޯވިންދު ކާމިޔާބުކުރައްވައިފިއެވެ. މިއީ އިންޑިއާގެ ތާރީޚުގައިވެސް ބާރަތިޔާ ޖަނަތާ ޕާޓީއިން ނޮމިނޭޓުކުރި، އެ ޕާޓީގެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގުނަންފެށީ މިއަދުއެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ އިންޑިއާގައި، ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ ސީދާ ރައްޔިތުންނެއް ނޫނެވެ. އެގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓުގައި ބައިވެރިވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާއާއި ތިރިގެ، ލޮކް ސަބާއަށް އިންތިޚާބުވެފައިވާ މެމްބަރުންނާއި، އިންޑިއާގެ 29 ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނާއި، ދިއްލީއާއި ޕުޑުޗެރީ ޔޫނިއަން ޓެރިޓަރީގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނެވެ.

މި އިންތިޚާބުގައި ވަދަކުރެއްވީ ބީޖޭޕީގެ ފަރާތުން، ބިހާރު ސްޓޭޓުގެ ކުރީގެ ގަވަރުނަރު ރާމް ނާތު ކޯވިންދާއި، އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ)ގެ ފަރާތުން، ލޮކް ސަބާގެ ކުރީގެ ރައީސާ މީރާ ކުމާރެވެ.

ވޯޓު ގުނައި ނިމިފައިވާ އިރު، ބޮޑު ތަފާތަކާ އެކު ކުރީގައި އުޅެނީ ބީޖޭޕީގެ ކެންޑިޑޭޓު ރާމް ނާތު ކޯވިންދެވެ. އިދިކޮޅު ޕާޓީން ކުރިމަތިލެއްވި މީރާ ކުމާރު ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ،

އެހެންކަމުން އިންޑިއާގެ 14 ވަނަ ރައީސްކަމަށް އިސްވާނީ ރާމް ނާތު ކޯވިންދެވެ.

އިންޑިއާގެ މިހާރުގެ ރައީސް އަދި ތަޖުރިބާކާރު ސިޔާސީ ލީޑަރު ޕްރަނާބު މުކަރުޖީގެ ރިޔާސީ ދައުރު ހަމަވާނީ ޖުލައި 25 ވަނަ ދުވަހުއެވެ.

އޯގަސްޓް 2015 އިން ފެށިގެން ބިހާރު ސްޓޭޓުގެ ގަވަރުނަރުކަން ކުރެއްވި ރާމް އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހު، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާ ގުޅިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ރާޖްޔާ ސަބާ)ގެ މެމްބަރުކަން 12 އަހަރު ދުވަހު އޭނާ ކުރެއްވިއެވެ. ހަތްދިހަ އެއް އަހަރުގެ ރާމް ވަނީ ގާނޫނީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިފައެވެ.