20 Jul 2017, 17:10
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކާ ގުޅިގެން، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ ވަކީލުންނަށް ސުޕްރީމް ކޯޓަށް ދިއުމުގެ ފުރުސަތު އެބަ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނިކޮށް އެ މައްސަލަ ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދޭނެ ކަމަށް ނާޒިމްގެ ގާނޫނީ ޓީމުން ހާމަކޮށްފިއެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު އަދީބު ސޮއިކުރައްވައި ފިންގާޕްރިންޓް ޖައްސަވައި ސުޕްރީމް ކޯޓަށް ފޮނުއްވާފައިވާ ސިޓީގައި އަދީބު ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓެއްގައި، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައާއި ތިން ވަޒަނުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ އެކަމުގެ ތަފްސީލު ހާމަ ކުރައްވާނެ ކަމަށެވެ.
ނާޒިމްގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގެ މައްސަލާގައި އަދީބު ދައްކަވާފައިވާ ވާހަކަތައް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅަމުން ދިޔަ ނަމަވެސް އެއްވެސް ފަރާތަކުން އެއްބާރުލުން ލިބެމުން ނުދާ ކަމަަށެވެ.
"ރައީސް އެ ވިދާޅުވަނީ ދާށޭ. ރައީސް ދާށޭ ބުނި ނަމަވެސް މުއައްސަސާތަކުގެ ވެރިން އެކަން ނުކޮށްދެއްވާ ކަމުގައިވަނީ ނަމަ ދެން އެކަމުގައި ނެތް އިތުރު ހައްލެއް އެއަށް ހޯދޭކަށް،" ސުއޫދު ވިދާޅުވިއެވެ.
ނާޒިމްގެ މައްސަލައިގައި މުއައްސަސާތަކުން އެއްބާރުލުން ނުދެއްވާތީ ރައީސް ޔާމީންގެ އެދިލެއްވިމަށް މުއައްސަސާތަކުން ބީރުކަންފަތެއް ދެއްވާކަމަށް ސުއޫދު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މީހަކަށް ނުހައްގުން އަނިޔާއެއް ލިބެމުންދާއިރު މުއްސަސާތަކުން ހިމޭނުން ތިބެންޖެހޭ ސަބަބެއް ވެސް ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ދެން އަނެއްކާވެސް މާދަން އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި އެދޭނަން މި މައްސަލަ އަލުން ރިވިއުކޮށްދިނުމަށް. އެހެންވީމަ ލޯޔަރުންގެ ފަރާތުން ކަމެއް ނުކޮށްދެވިގެން ނޫންކަން ފިޔަވަޅެއް ނޭޅި މިއޮތީ އަޅުގަނޑުމެން ހާމަކޮށްދޭނަން،" ސުއޫދު ވިދާޅުވިއެވެ.
ކާނަލް ނާޒިމް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅު ކަމުގެ ކުށް ސާބިތުވުމުންނެވެ.