20 Jul 2017, 14:50
"ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ"ގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިދިޔަ އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ މަތިން، އުފެއްދެވި ސްޓޭޓް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުންޏެވެ.
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އަކީ، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އޮޑިޓަރު ޖެނެރަލްގެ އޮފީހާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ، ދައުލަތަށް ލިބެން ޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެ މައްސަލަތަކާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި، އެ ފައިސާ ހޯދުމަށް ޓަކައި މުސްތަގިއްލުކަމާ އެކު މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދަވާފައިވާ ކޮމިޝަނެކެވެ.