20 Jul 2017, 14:39
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑޮމެސްޓިކް އޮފީހަކުން ފައިސާތަކެއް ގެއްލިގެން އެމައްސަލަ އިންޓާނަލީ ބަލަމުންދާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލައެއް ދިމާވެގެން އުޅޭ ކަމަށެވެ.
"އަޅުގަނޑުމެން އަދި ބޭނުމެއް ނުވޭ ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ޑިސްކްލޯސް ކުރާކަށް. މައްސަލަ މިދަނީ ބަލަމުން، އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީއަކުން. ކިހިނެއް ގެއްލުނު ފައިސާއެއްތޯ ބެލުމަށް ފަހު އެކަމާ ބެހޭ މައުލޫމާތު ދޭނަން،" ހާރިސް ވިދާޅުވި އެވެ.
ހާރިސް ވިދާޅުވި ގޮތުގައި އެމައްސަލާގައި ފައިސާ ގެއްލިފައި ވަނީ އެކުންފުނީގެ ޑޮމެސްޓިކް އޮފީހަކުންނެވެ. އަދި އެކަމުގައި ތުހުމަތު ކުރެވެނީ ސޭލްސްގައި އުޅޭ އަންހެން މުވައްޒަފެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ މޯލްޑިވިއަން އިން ބަލަމުން އަންނަނީ އިންޓާނަލް މައްސަލައެއްގެ ގޮތުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.