ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޚިދުމަތްތައް ދޭ ޑެސްކެއް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އައިޖީއެމްއެޗްގެ ޖޭޒްމިން މާލަމުގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރްހަތު ޝަރީރުއެވެ. އަދި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުލް ހާރިސްއެވެ.

އެ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗުގައި މޯލްޑިވިއަންގެ ޚާއްސަ ޑެސްކެއް ގާއިމް ކުރުމުން ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އެ އެއާލައިނުން ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެއެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރްހަތު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ސަބަބުން ހޮސްޕިޓަލުން ޚިދުމަތް ލިބިގަންނަ ފަރާތަކަށާއި ހޮސްޕިޓަލުގެ މުވައްޒަފުންނަށްވެސް ވައިގެ ދަތުރުފަތުރުތަކުގައި ޓިކެޓް ހޯދުމާއި ދަތުރު ހަމަޖެއްސުމުގެ ކަންތައްތަކަށް ލުޔެއް ލިބޭނެއެވެ. އެފަދަ ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާތީ ފަރުހަތު ވަނީ މޯލްޑިވިން އަށް ޝުކުރު އަދާކޮށްފައެވެ.

އައިޖީއެމްއެޗުގައި މިއަދު ކުރިޔަށްދިޔަ ރަސްމިއްޔާތުގައި އެހޮސްޕިޓަލުގެ ސީއީއޯ ފަރްހަތު ޝަރީރު ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ: މުހައްމަދު ރީހާން

އެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު ހާރިސް ވިދާޅުވީ އެފަދަ ޚިދުމަތެއް އައިޖީއެމްއެޗަށް ދިނުމުގެ ފުރުސަތު ލިބިގެންދިޔުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް ހާރިސް ވާހަކަފުޅު ދައްކަވަނީ --- ސަންފޮޓޯ: މުހައްމަދު ރީހާން

އެކުންފުނިން ފޯރުކޮށްދޭނެ ޚިދުމަތަކީ ހަމައެކަނި މޯލްޑިވިއަންގެ ޓިކެޓުދޫކުރުމުގެ ޚިދުމަތް ނޫންކަމަށާއި އަދި މޯލްޑިވިއަން ހޮލިޑޭޒްގެ ދަށުން ހިމެނޭ ފްލައިޓްތަކުގެ ހުރިހާ ޚިދުމަތެއްވެސް ލިބޭނެކަމަށް ހާރިސް ވިދާޅުވިއެވެ.