20 Jul 2017, 10:18
ލަންޑަން (ޖުލައި 20) : ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން އެކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ހާމަކޮށްފި އެވެ.
ބީބީސީގެ އަހަރީ ރިޕޯޓްގައިވާ ގޮތުން އެކުންފުނީގެ އެކި ލެވެލްގެ މުވައްޒަފުންގެ މުސާރަތައް ވަރަށް ބޮޑަށް ތަފާތެވެ. ނަމަވެސް ބީބީސީގެ މުވައްޒަފުންގެ މުސާރަތަކުން ހާމަވެގެންދިޔަ ބޮޑު ހަގީގަތަކީ އަންހެން މުވައްޒަފުންގެ މުސާރަތައް އާދަޔާ ޚިލާފަށް ކުޑަވެފައި އިސް މަގާމުތަކުގައި އަންހެނުން މަދުވުމެވެ. އަދި އެއް ލެވެލްގެ ވަޒީފާތައް އަދާކުރާ އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުންގެ މުސާރަތައް އާދަޔާ ޚިލާފަށް ތަފާތުކަމެވެ. ފަންނީ ގޮތުންނާއި ވަޒީފާގެ ރޭންކްގައި އެއްލެވެލްގައި މަސައްކަތްކުރާ ފިރިހެން މުވައްޒަފަކަށް މަހަކު އެއްލައްކަ ސްޓާލިންގް ޕައުންޑް މަހަކު ދޭއިރު އެލެވެލްގެ އަންހެން މުވައްޒަފަކަށް ދެނީ މަހަކު 25،000 ޕައުންޑެވެ.
ބީބީސީގެ އެންމެ އިސް މުވައްޒަފުންގެ ތެރޭގައި މަހެއްގެ މައްޗަށް ދޮޅުލައްކައަށް ވުރެ ގިނަ ޕައުންޑްގެ މުސާރަ ލިބޭ މުވައްޒަފުން ހިމެނެ އެވެ. ނަމަވެސް މިލެވެލްގެ އަންހެން މުވައްޒަފެއްގެ މުސާރައަކީ މަހަކު ސާޅީސް ހާސް ޕައުންޑެވެ. ބީބީސީގައި އެންމެ ބޮޑެތި މުސާރަތައް ލިބޭ މުވައްޒަފުންގެ ތެރޭގައި މަޝްހޫރު ޕްރެޒެންޓަރު ކްރިސް އިވާންސް ހިމެނެ އެވެ. އިވާންސަށް މަހަކު 180،000 ޕައުންޑްގެ މުސާރައެއް ލިބެ އެވެ. ނަމަވެސް އިވާންސް އާ އެއްލެވެލްގައި މަސައްކަތްކުރާ މަޝްހޫރު އަންހެން ޕްރެޒެންޓަރު ކްލަވިޑްޔާ ވިންކްލްމަން އަށް ލިބެނީ މަހަކު 40،000 ޕައުންޑެވެ. ބީބީސީ ގެ މުވައްޒަފުންގެ މުސާރާގައި އެކިބާވަތުގެ އެލަވަންސްތަކާއި އެނޫން ވެސް އިނާޔަތްތައް ހިމެނެ އެވެ.
އެލަވަންސްތަކުގެ ތެރޭގައި ރީތިވުމާއި މޭކަޕާއި ކޮސްޓިއުމް އެލަވަންސާއި ކެއިންބުއިމުގެ އެލަވަންސާއި އެޕާޓްމަންޓްތަކުގެ ކުލީގެ އެލަވަންސާއި ބޭސްފަރުވާގެ އެލަވަންސް ފަދަ އެލަވަންސްތައް ހިމެނެ އެވެ. އިނާޔަތްތަކުގެ ތެރޭގައި ދަރިން ލިބުމާއި ވިހެއުމުންދޭ އިނާޔަތްތައް ފަދަ އިނާޔަތްތައް ހިމެނެ އެވެ. މުސާރައިގާ މިހުރިހާ އެލަވަންސްތަކާއި އިނާޔަތްތައް ހިމެނެ އެވެ.
ބީބީސީގެ އަހަރީ ރިޕޯޓުން ފާހަގަވި އަނެއްކަމަކީ މުވައްޒަފުންނަށް މުސާރަދެނީ ބީބީސީ އަށް ލިބޭ އާމްދަނީން ނޫންކަމާއި މުސާރަ ދެނީ އިނގިރޭސި ސަރުކާރުން ދޭ ބަޖެޓުން ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އިނގިރޭސި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އިއުލާންތަކާއި އިޝްތިހާރުތަކުން ލިބޭއެއްޗަކުން ބީބީސީގެ ޚަރަދުތައް ދެކޮޅު ނުޖެހޭކަމާއި ނިއުސް ދާއިރާގެ އެހެން ޗެނެލްތައް ބީބީސީ އާ ވާދަކުރުމުގެ ސަބަބުން އެކުންފުންޏަށް ލިބޭ އާމްދަނީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭގައި ވަރަށް ބޮޑަށް މަދުވެގެން ގޮސްފައިވާކަން ވެސް ހާމަވެފައިވެ އެވެ.
ބީބީސީ އާ ވާދަކުރާ ނިއުސް ޗެނެލްތަކުގެ ތެރޭގައި އަލްޖަޒީރާ، ސީއެންއެން، ފްރާންސް ޓުވެންޓީ ފޯ، ފޮކްސް ނިއުޒް، ރަޝިޔާ ޓުޑޭ އަދި ޕްރެސް ޓީވީ ފަދަ އެތަށް ޗެނެލް އެއް ހިމެނެ އެވެ. (ބީބީސީ)