ޕީޕީއެމުން ވަކިކުރުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ނިންމައިފި އެވެ.

ޕާޓީން ވަކި ކުރުމުން ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވަނީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ އިތުރުުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފު މުހައްމަދެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ނަމަވެސް ގޮނޑި ގެއްލުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާ އާއި ދިއްދޫ ދާއިރާ އާއި ތުލުސްދޫ ދައިރާގެ އިތުރުން މަޑުއްވަރީ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

އެ ހުކުމަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފައެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސްގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވް ކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑިއެއް ގެއްލިއްޖެކަމާ މެދު ޚިލާފެއް އުފެދިއްޖެނަމަ އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައި ވަނީ ހުސްވާ މަޖިލިސް ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެމްބަރަކު އިންތިޚާބު ކުރަންވާނެ ކަމަށެވެ. އަދި ގޮނޑި ހުސްވި ތާރީޚުން ފެށިގެން ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދެމެދު އޮތީ ހަ މަސް ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ކަމުގައިވާނަމަ އިންތިޚާބު ބާއްވައިގެން ނުވާނެ ކަމަށް ވެސް އެ މާއްދާގައިވެއެވެ.