ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކޮށްފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފަށް ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ ވަަކީލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވީ، ފާރިސްގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތުގެ މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ އިޖުރާތުތަކަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ޚިލާފު އިޖުރާތްތަކެއް ކަމަށެވެެ.

އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ހ) ގައި ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓު އަމުރެއްގެ ދަށުން ނޫން ގޮތަކަށްވިޔަސް މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ ހައްޔަރާ މެދު ގޮތެއް ނިންމުމަށް އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަކަށް ގެންދަންވާނެ ކަމަށް ބަޔާން ކޮށްފައިވީނަމަަވެސް، ފުލުހުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

ހައްޔަރުކުރުމަށްފަހު ޕޮލިސް ސްޓޭޝަނަކަށް ގެންދިއުމުގެ ބަދަލުގައި ގެންދިޔައީ ސީދާ ދޫނިދޫއަށް ކަމަށާއި، އެއީ ޖިނާއީ އިޖުރާތަށް ބެލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް އެކަނި ރިޔާއަތް ކުރި ނަމަވެސް ފާރިސް ހައްޔަރު ކުރީ ގާނޫނާ ޚިލާފަށްކަން ސާބިތުވާނެ ކަމަށް ޝަމީލް ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުނީ، އޭނާ ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ އާއި އަދި ދޫކޮށް ބަހައްޓައިފި ނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ކަމަށެވެ.

ނަމަވެސް ފާރިސްއާ ދެކޮޅަށް ހުރި ކަމަށް ބުނާ ހެކިތަކަކީ ސިއްރު ހެކި ކަމަށާއި އެހެންކަމުން ހެއްކަށް ނުފޫޒު ފޯރުވޭނެ އަދި ހެކި ނައްތާލެވޭނެ އެއްވެސް ގޮތެއް ފާރިސް އަށް ނޯންނާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފާރިސް ހައްޔަރުގައި ބަހައްޓަން އެދިފައިވަނީ ތަހުގީގު ނުނިމެނީސް ކަމަށާއި، އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ތަހުގީގު ފުރިހަމަ ނުވާ ކަމެއްގައި ދައުވާ އުފުލާނެ ކަންވެސް އެނގެން ނެތް ކަމަށާއި، ގަބޫލު ކުރެވޭ ފެންވަރުގެ ހެއްކާއި ގަރީނާވެސް އެ މައްސަލައިގައި ނެތް ކަމަށް މައުމޫން ހަމީދު ފާހަގަ ކުރެއްވި އެވެ.

އެހެން ކަމުން ފާރިސް ހައްޔަރު ކުރި ކުރުމުގެ އިތުރުން ބަންދާ މެދު ގޮތެއް ނިންމުމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.