19 Jul 2017, 21:50
ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ނިޒާމު ގާއިމްކޮށް ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ.
އަޒްލީން މިރޭ 'ސަން' އަށް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހަވާލު ކުރައްވާފައިވަނީ އޭނާއާ ކަމަށާއި، އެހެން ކަމުން އެކަން ފުރިހަމަކުރަން ކުރަންޖެހޭ ކަންތައްތައް ކުރަމުން ދާ ކަމަށެވެ.
އެގޮތުން އެކަމަށް ބޭނުންވާ ސާމާނު ގެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަހެއްހާ ދުވަސްތެރޭގައި އެކަމަށް ބޭނުންވާ ކަންތައްތައް ކޮށް ނިމޭނެ ކަމަށެވެ. އެހެން ނަމަވެސް ތަންފީޒު ކުރަން ފެށޭނެ ދުވަހެއް ދަންނަވަން ނޭނގޭ ކަމަށް އަޒްލީން ވިދާޅުވި އެވެ.
އެއީ މަރުގެ އަދަބު ތަންފީޒު ކުރާނެ ނިޒާމެއް ގާއިމް ކުރި ނަމަވެސް އަދަބު ތަންފީޒު ކުރެވޭނީ ގާނޫނީ ގޮތުންނާއި ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ވުމުންކަމަށް އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ، އެހެން މީހުންގެ ހައްގުތަކަށް އަރައިގަނެ ދިރިހުރުމުގެ ހައްގު މީހެއްގެ ކިބައިން ނިގުޅައިގަތުމަކީ، ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އިސްލާމް ދީނުގައި އޮންނަ ގޮތަށް އެ މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް މަހު ރައީސް ޔާމީން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާނެ ހާއްސަތަނެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.