އައްޑޫ ސިޓީގެ 2000 އަށްވުރެ ގިނަ ތަންތަނުން ކުނިއުކާލުމަށް އެދި ރަޖިސްޓްރީ ކޮށްފިއެވެ.

ގއ. ވިލިނގިލީގައި މިހާރު ކުރިއަށްދާ "ސާފުރާއްޖެ ސަރަހައްދީ މަހާސިންތާ 2017"ގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަންގެ އޮޕަރޭޝަން ޑިރެކްޓަރު ފާޠުމަތު ޝަމްވީލާ ވިދާޅުވިގޮތުގައި ކުނިއުކައިލުމަށް އެދި އައްޑޫގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައިވެއެވެ. އެގޮތުން ދެ ހާހަށްވުރެ ގިނަ ތަންތަނުން ކުނިއުކާލުމަށް އެދި ރަޖިސްޓަރީކޮށްފައި ވާއިރު އޭގެ ތެރޭގައި ހުޅުމީދޫގެ 408 ތަނެއްވެސް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

" ދެހާހަށްވުރެ ގިނަ ތަންތަނުން ރަޖިސްޓްރީކޮށްފައިވޭ ކުނިއުކާލަން. ކުނި ނަގައިދެމުން މިދަނީ ހުރިހާ ރަށަކުން. އޭގެ ތެރޭގައި ހުޅުމީދޫގެ 408 ތަނަކުންވެސް ކުނި ނަގައިދެމުންދަނީ،" ޝަމްވީލާ ވިދާޅުވިއެވެ.

ޝަމްވީލާ އިތުރަށް ވިދާޅުވިގޮތުގައި މިހާރު އައްޑޫގައި ކުނިއުކާލުމަށް ބޭނުންކުރަނީ ދެ ޑަމްޕްޓްރަކާއި ދެ ކޮމްޕެކްޓަރު ކަމުގައިވިޔަސް މިއަހަރު ނިމުމުގެ ކުރިން އިތުރު ވެހިކަލްތައް ލިބޭނޭއެވެ.

މިއަދު ވިލިނގިލީގައި ބޭއްވުނު ރަސްމިއްޔާތުގައި ސައުތު ރީޖަން ފެސިލިޓީޒް މެނޭޖަރު ޢަބްދުﷲ ނާފިޒު ވެސް ވާހަކަ ފުޅުދެއްކެވިއެވެ.

ނާފިޒު ވިދާޅުވިގޮތުގައި އައްޑޫގައި މިހާރުވެސް އިތުރު ފަރާތްތަށް ރަޖިސްޓްރީ ކުރަމުންދާކަމުގައި ވިދާޅުވިއެވެ.

" އިތުރަށް ރަޖިސްޓަރީވަމުން ދަނީ. ކޮންމެ ދުވަހަކުވެސް ރަޖިސްޓްރީ ކުރެވެމުން އެބަދޭ. ގޭބިސީތައް ފިޔަވައި އެހެން ތަންތަނުން ވެސް ނަގައިދޭ. އެއީ ކޮމާޝަލް ތަންތަން ކަމަށް އަޅުގަނޑުމެން މިބަލަނީ. ހަފުތާއަކު ތިން ދުވަހު ކުނި އުކައި ދެނީ. ގޭބިސީއަކުން ނަގަނީ 100 ރުފިޔާ. ކޮމާޝަލް ތަންތަނުން އަގު ނަގަނީ އުކާލާ ކުނީގެ މިންވަރަށް ބަލާފައި" ނާފިޒް ވިދާޅުވިއެވެ.