19 Jul 2017, 21:55
ހާލު ދެރަވެ އޭޑީކޭގައި ފަރުވާ ދެމުންދާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރޭގޮތް ހަމަނުޖެހި އަދިވެސް އޭޑީކޭގެ ގައި އޮތް ކަމަށް އެ ޕާޓީން ބުނެފިއެވެ.
ގާސިމް އެންމެ ފުރަތަމަ މޭގައި ރިއްސައިގަނެ، ނޭވާލާން އުނދަގޫ ވެގެން މެޑިކާ ހޮސްޕިޓަލުގައެވެ. ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ގާސިމް އިބްރާހީމަށް އިތުރުފަރުވާއަށް ރާއްޖޭން ބޭރަށް ފުރޭގޮތް ވަނީ ނުވެފައެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަހުމަދު ސަމީރު 'ސަން' އަށް ވިދާޅުވީ ރާއްޖެއިން ހެދެން ނެތް ޓެސްޓެއް ހެދުމަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައި ވުމުން ބޭރަށް ފުރޭ ގޮތް ވެފައިނުވާ ކަމަށެވެ.
ސަމީރު ވިދާޅުވީ ގާސިމް އަދިވެސް އޮންނެވީ އައިސީޔޫގައި ކަމަށާއި އެމަނިކުފާނުގެ ސިއްހީ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
"ގާސިމްގެ ލޯޔަރުންގެ ޓީމުގެ ފަރާތުން ވާނީ ކްރިމިނަލް ކޯޓަށް ދެ ސިޓީއެއް ފޮނުވާފައި. ނަމަވެސް އަދިވެސް އޭގެން ސިޓީއެއްގެ ޖަވާބެއް ނުލިބޭ،" ސަމީރު ވިދާޅުވިއެވެ.
ގާސިމް ހަދަން ޖެހޭ ކަމަށް އޭޑީކޭއިން ބުނަނީ ހިތުގެ ހިނގުން ދެނެގަތުމަށާއި ހިތަށް ލޭ ދައުރުކޮށްދޭތޯ ބެލުމަށް ހަދާ ސްކޭން . އެ ޓެސްޓް ރާއްޖޭން ހެދެން ނުހުންނަ ކަމަށް ވެސް އޭޑީކޭއިން ބުނެއެވެ.
ގާސިމްގެ ، ރާއްޖޭން ބޭރަށް ފުރޭނެެގޮތް ހަދައިދިނުމަށް އެމަނިކުފާނުގެ އާއިލާއިން ވެސް ވަނީ ސަރުކާރަށް ގޮވާލާފައެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުގެ މައްސަލާގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ކުރާ ތުހުމަތާ ގުޅިގެން ކޮށްފައިވާ ތިން ދައުވާ އެވެ. ނަމަވެސް ގާސިމް އެޑްމިޓްކޮށްފައި އޮތުމުން އެ ޝަރީއަތްތައް ވެސް ވަނީ ހުއްޓިފައެވެ.