19 Jul 2017, 23:04
ޕެނަމާ ޕޭޕަރޒްގައި މަނީލޯންޑަރިން ހިންގާ ފަރާތްތަކުގައި ތެރޭގައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހިމެނެމުން އެމައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށައިފިއެވެ.
އެމައްސަލައިގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ސުޕްރީމްކޯޓްގައި އެކަމަށް ހާއްސަކޮށް އުފައްދައިފައިވާ ޖަޖުންގެ ޕެނެލަކުންނެވެ.
ނަވާޒް ޝަރީފާ ދެކޮޅަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި 90އިގެ އަހަރުތަކުގައި މަނީލޯންޑްރިން ކުރުން ހިމެނެއެވެ. ޝަރީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައިިގައި އޭނާގެ ދަރިންވެސް ޝާމިލްވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭން ވެސް އޭނާގެ އަންހެން ދަރިފުޅު މަރިޔަމް ނަވާޒު ވަގު ލިޔުންތަކެއް ބޭނުންކޮށް އޮފްޝޯ އެކައުންތަކެއް ބޭނުންކޮށްގެން ލަަންޑަނުން ފްލެޓްތަކެއް ގަތް މައްސަލަ ފާހަގަކޮށްލެވެއެވެ.
ޝަރީފް ވަނީ އޭނާއާ މެދު ކުރެވިފައިވާ ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެފައެވެ.
ނަވާޒް ޝަރީފް މީގެ ކުރިންވެސް ދެފަހަރު ވަނީ މަގާމުން ދުރުކޮށްފައެވެ. ބޮޑުވަޒީރުކަމުގައި ހުންނެވި ފުރަތަމަ ދައުރުގައި 1993 ވަނައަހަރު ވަނީ މަގާމުން ދުރުކޮށްފައެވެ. އެފަހަރު ކޯޓުން ބޮޑުވަޒީރުކަމަށް އަލުން އައްޔަނުކުރިކަމުގައިވިޔަސް ފިއްތުންތައް މާބޮޑުވުމުން ފަހުން ވަނީ އިސްތިއުފާ ދެއްވާފައެވެ.
ދެވަނަ ދައުރުގައިވެސް ޖެހުނީ ހަމަމިކަހަލަ ހާލެކެވެ. 1999 ވަނަ އަހަރު ގެނައި ބާޣާވަތެއްގައި ވަނީ އޭނާ މަގާމުން ދުރޮކޮށްފައެވެ.
މިއީ ޝަރީފް ބޮޑުވަޒީރުކަން ކުރައްވާ ތިންވަނަ ފަަހަރެވެ. ވެރިކަމުގައި ހުންނެވި ކޮންމެފަހަރަކުވެސް ޝަރީފް މަގާމުން ދުރުކުރުމުގައި ޕާކިސްތާންގެ ސިފައިންގެ އިސް ޖެނެރަލުން އަދި ޖާސޫސީ އިދާރާ އައިއެސްއައިންވަނީ ވަރަށް މުހިންމު ދައުރެއް އަދާ ކޮށްފައެވެ.
ކޮރަޕްޝަންގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ކުރިއަށް ގެންދާއިރު ޖަޖުންގެ ތެރޭގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާ އައިއެސްއައިގެ ބޭފުޅެއްވެސް ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން ބޮޑުވަޒީރުގެ މަގާމު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.