މާލެއާއި އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގެ ހަމަޖެހުން ނަގާލަން ބަޔަކު ރާވަމުންގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މާރާމާރީއާއި ރާވައިގެން ހިންގާ ކުށްތައް ކުރިއާ ޚިލާފަށް ވަރަށް ބޮޑުތަން މަދުކުރެވިފައިވާ ކަމަށާއި ނަމަވެސް މިފަހަކަށް އައިސް އެ ކުށްތައް އިތުރުވެފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ ކުށްތަކަށް އަރައިގަތުން އިތުރުވެފައިވާތީވެ އެކަން ހުއްޓުވައި މާލޭގެ އަމާންކަން ގާއިމްކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

"އަދި މީގެ އިތުރުން މާލެއާއި ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަމަޖެހުން ނަގާލުމަށް ގަސްދުގައި ބަޔަކު މަސައްކަތްތަކެއް ކުރަން ރާވަމުންދާކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވަނީ ލިބިފައެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުންގެ އެންމެ އިސްމަގުސަދަކީ ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމޮށްދިނުންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ގާނޫނާއި ގަވާއިދާ ޚިލާފް އެއްވެސް އަމަލެއް ހިންގުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ.

އަދި އެފަދަ އަމަލެއް ހިންގުމަށް ހިތްވަރުދީ އެފަދަ އަމަލެއް ރާވައި ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭ ކަމަށް ބެލެވޭ ފަރާތްތަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން އެހެން ބުނެފައިވާއިރު އިދިކޮޅު ފަރާތްތަކުން އަންނަނީ އެފާރާތްތަކަށް ނިސްބަތްވާ ބައެއް މެމްބަރުން ހައްޔަރުކޮށް ޝަރީއަތްތަކެއް ފަށާފައިވާ ކަމަށް ބުނެ މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތްތަކެއް ހިންގުމަށް މަސަތްކަތްކުރަމުންނެވެ.