ޕެރިސް(ޖުލައި 19): މިދިޔަ މޭ މަހު ފްރާންސުގެ ރައީސް ކަމަށް އިންތިހާބުވި އެމަނުއެލް މެކްރޮން އާއި ގައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޕިއޭރު ޑި ވިލިއާސްގެ މެދުގައި އުފެދުުނު ދެބަސްވުމަކާ ގުޅިގެން ވިލިއާސް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އަސްކަރިއްޔާގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވަމުން ވިލިއާސް ލިޔުއްވި ސިޓީގައިވާ ގޮތުން އެފަދަ ނިންމުމެއް ނިންމަން ޖެހުނީ ފްރާންސުގައި މިހާރު ކަންތައްތައް އޮތް ގޮތުން، އެގައުމާއި އެގައުމުގެ ރައްޔިތުން ރައްކާތެރިކުރުމަށް ޓަކައި އޭނާ އަސްކަރިއްޔާ ހިންގަވަން ބޭނުންވާ ގޮތަށް އަސްކަރިއްޔާ ހިންގެވެން ނެތުމުންނެވެ.

މެކްރޮން އާއި ވިލިއާސްގެ މެދުގައި މިދިޔަ ހަފްތާ ތެރޭގައި ދެބަސްވުން އުފެދުނީ ފްރާންސުގެ އަސްކަރިއްޔާގެ ބަޖެޓު ކުޑަކުރަން ނިންމާފައިވާ ކަމަށް ސަރުކާރުގެ މިނިސްޓަރަކު ހާމަ ކުރުމާ ގުޅިގެންނެވެ.

މެކްރޮންގެ ސަރުކާރުން އެފަދައިން ބުނެފައި ވަނީ އަސްކަރިއްޔާގެ ބަޖެޓު އިތުރު ކުރާނެކަމަށް މީގެ ކުރިން ބުނުމަށްފަހުގަ އެވެ.

ފްރާންސުގެ އަސްކަރިއްޔާއަކީ އިނގިރޭސި އަސްކަރިއްޔާ ފަދައިން ޔޫރަޕްގެ އެންމެ ބޮޑު އެއް އަސްކަރިއްޔާ އެވެ. ފްރާންސުގެ ސިފައިން ދަނީ އެގައުމު އިތުރުން މާލީ އާއި އިރާގުގައި ހަރަކާތްތެރިވަމުންނެވެ. (ގާޑިއަން)