ވޮޝިންޓަން (ޖުލައި 19): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ޖަރުމަނުގައި އޮތް ޖީ20 ސަމިޓް ތެރެއިން ދެ ފަހަރަކު ބައްދަލު ކުރެއްވި ކަމަށް ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނެފި އެވެ.

ވައިޓް ހައުސްއިން މީގެ ކުރިން ބުނެފައި ވަނީ ޓްރަމްޕާއި ޕުޓިން ބައްދަލު ކުރެއްވީ އެންމެ ފަހަރަކު ކަމަށެވެ.

ނަަމަވެސް ސީއެންއެންގައިވާ ގޮތުން އެއް ގަޑި އިރަށް ދެމިގެން ދިޔަ ދެ ވަނަ ބައްދަލުވުން ބޭއްވީ ޖީ20ގެ ލީޑަރުންގެ ރޭގަނޑުގެ ފަރިއްކޮޅު ކުރިއަށް ދިޔަ ގަޑީގަ އެވެ. އެބައްދަލުވުމުގައި ބައިވެރިވީ ރައީސް ޓްރަމްޕާއި ރައީސް ޕުޓިންގެ އިތުރުން ޕުޓިންގެ ޓްރާންސްލޭޓަރެވެ.

އަދި އެބައްދަލުވުމުގައި އެމެރިކާގެ އިތުރު އޮފިޝަލަކު ބައިވެރިވެފައި ނުވާތީ އެބައްދަލުވުމާ ބެހޭ މައުލޫމާތު ވައިޓް ހައުސް އޮފިޝަލުންނަށް ފޯރުކޮށްދެއްވީ ރައީސް ޓްރަމްޕް ކަމަށް އެމެރިކާގެ މީޑިއާތަކުން ބުންޏެވެ.

ސީއެންއެންގެ ރިޕޯޓާ ގުޅިގެން ވައިޓް ހައުސްއިން ވަނީ އެއީ ދެ ވަނަ ބައްދަލުވުމެއް ނޫން ކަމަށާއި އެއީ ފަރިއްކޮޅުގެ ތެރެއިން ދެ ބޭފުޅުން ކުޑަ ވަގުތުކޮޅަކަށް ވާހަކަ ދެއްކެވީ ކަމަށް ބުނެފަ އެވެ.

އަދި ރައީސް ޓްރަމްޕް ވެސް ވަނީ ޕުޓިންއާ އެކު "ސިއްރު ބައްދަލުވުމެއް" ބޭއްވި ކަަމަށް ބުނަނީ ފޭކު ނޫސްތަކުން ކަމަށާއި އެފަރިއްކޮޅަށް ޖަރުމަނުގެ ޗާންސެލަރު ވަނީ ޖީ20ގެ ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވާފައި ކަމަށާއި އެކަން ނޫސްތަކަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕާއި ޕުޓިންގެ ފުރަތަމަ ރަސްމީ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމާ ބެހޭ ގޮތުން ޕުޓިންއާ ތަކުރާރުކޮށް ސުވާލު ކުރައްވާފަ އެވެ. އަދި ޓްރަމްޕް ވިދާޅުވި ގޮތުގައި ޕުޓިން ވަނީ ރަޝިއާ އިން އެފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)