އިނގިރޭސިވިލާތަށް ނިސްބަތްވާ ފޮޓޯގްރާފަރުު ޑޭވިޑް ސްލޭޓާ އިންޑޮނޭޝިއާއަށް 'ވައިލްޑްލައިފް'ގެ ފޮޓޯނެގުމަށް ކުރި ދަތުރުގައި ރާމާމަކުނެއް އޭނާގެ ކެމެރާއާ ކުޅެނިކޮށް ވަނީ ސެލްފީއެއް ނެގައިފައެވެ. އެއީ 2008 ވަނަ އަހަރުގެ ތެރޭގައި ހިނގި ކަމެކެވެ.

އޭގެފަހުން ސްލޭޓާ ވަނީ އެފޮޓޯ ސޯޝަލް މީޑިއާތަކުގައި ހިއްސާކޮށްފައެވެ. 'މަންކީ ސެލްފީ'ގެ ނަމުން މަޝްހޫރުވި މިފޮޓޯ އިންޓަނެޓުގެ އެކި ވެބްސައިޓްތަކުގައި ދައުރުވެގެން ގޮސްފައިވާއިރު، އެފޮޓޯ ނެގި ފޮޓޯގްރާފަރަށް ފަހަރުގައި އެފޮޓޯ އެންމެނާ ހިއްސާކުރެވުން އެއީ އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހެވެ.

ސަބަބަކީ ޕީޕަލް ފޮ ދި އެތިކަލް ޓްރީޓްމަންޓް އޮފް އެނިމަލްސް (ޕީޓާ) އިންވަނީ މިމައްސަލަ ކޯޓުގެ ތަޅުމަށް 2014 ވަނަ އަހަރު ވައްދާފައެވެ. އެ ޖަމިއްޔާގެ ދައުވާއަކީ 'މަންކީ ސެލްފީ' ނަގާފައިވަނީ ހުދު ޑޭވިޑް ސްލޭޓާ ނޫންކަމަށާއި އެ ފޮޓޯގެ ހައްގުވެރިޔަކީ އެފޮޓޯ ނެގި ރާމާ މަކުނު ކަމަށާއި އަދި އެ ފޮޓޯގެ މިލުކުވެރިޔާކަމަށްވާ މިރާމާމަކުނަށް އެފޮޓޯ ލިބެން ޖެހޭނެކަމަށެވެ.

މިމައްސަލައިގައި ޕީޓާއިން ވަނީ ކޯޓުގެ މަރުހަލާގައި 2014 އިން ފެށިގެން އެކިއެކި ގޮތްގޮތުން ސްލޭޓާ ކޯޓަށް ގެންގޮސްފައެވެ. އަދި މިމައްސަލައިގައި، އެފޮޓޯގެ ހަގީގީ މިލުކުވެރިޔަކީ ސްލޭޓާކަމަށް އޭނާ ބުނަމުންދާއިރު އޭނާގެ އަތުންވަނީ އެތައް ބައިވަރު ފައިސާއެއްވެސް ހަރަދުވެފައެވެ.

އެމެރިކާގެ އެކިއެކި ކޯޓުތަކަށް ސްލޭޓާއާ ދެކޮޅަށް އުފުލުނު ދައުވާގެ ދިފާއުގައި އޭނާ ވަކާލާތުކުރަން ހަރަދުވި ފައިސާގެ އަދަދު ގުނާ އަދަދު ނުކުރެވޭ ކަމަށާއި "އަހަރެން މިހާރު މިހިރީ އެންކޮށް އަތްމަތި ދަތިވެފަ' ކަމަށް އޭނާވަނީ ހާމަކޮށްފައެވެ.

ކޮންމެއަކަސް މައްސަލަ މިހާ ހިސާބަށް ގޮސްފައިވާއިރު ވަލުޖަނަވާރުތަކާއި އަދިވެސް ދިރޭތަކެތީގެ ހައްގަށް މަސައްކަތްކުރާ އިތުރުު ޖަމާއަތްތަކުންވަނީ ޕީޓާއިން ސްލޭޓާއަށް ކުރަމުން މިގެންދާ 'ގޯނާ' އަކީ އޭނާއަށް ހައްގު އަދަބެއްތޯ ސުވާލު އުފައްދާފައެވެ.

މަސްދަރު: އައިއެފްއެލް ސައިންސް