19 Jul 2017, 10:28
ބާން (ޖުލައި 19): މީގެ 75 އަހަރު ކުރިން ގެއްލުނު ސްވިޒަލޭންޑުގެ ދެމަފިރިއެއްގެ ގަނޑުވެފައިވާ ހަށިތައް ކަމަށް ބެލެވޭ ހަށިތަކެއް އެގައުމުގެ ވިރެމުންދާ ގްލޭސިއާއަކުން ފެނިއްޖެ އެވެ.
އޮގަސްޓް 1942ގައި މާސެލިން އަދި ފްރާންސީން ޑޫމުލިން ގެއްލުނީ ގެރިތަކަށް ކާންދޭން ވެގެން އަލްޕްސް ފަރުބަދަމައްޗަށް އެރި ފަހުންނެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް އެ އަވަށުގެ ރައްޔިތުން ދެ މަސް ވަންދެން ކުރި ނަމަވެސް އެމީހުން ނުފެނުމުން އެ ދެމަފިރިންގެ ހަތް ކުދިން ވަނީ އެހެން އާއިލާތަކާ ހަވާލުކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ހަގު ދަރިފުޅު މާސެލިން އޫޑްރައި ޑޫމުލިން ބުނި ގޮތުގައި މައިންބަފައިން ގެއްލުނުތާ 75 އަހަރުވީ ނަމަވެސް އެމީހުން ހޯދޭނެ ކަމުގެ އުއްމީދު އޭނާ ކަނޑައެއްނުލަ އެވެ. އަދި އެމީހުންގެ ހަށިގަނޑު ފެނުމުން ހިތްހަމަޖެހިފައިވާ ކަމަށާއި މަންމަ އާއި ބައްޕައަށް ފުރިހަމަ ޖަނާޒާއެއް ބާއްވާނެ ކަމަށް އޭނާ ބުންޏެވެ.
ސްވިސް ފުލުހުން ބުނި ގޮތުގައި މިދިޔަ ހަފްތާ ތެރޭގައި ދެ މީހެއްގެ ހަށިގަނޑު ގްލޭސިއާ އިން ފެނިފައި ވަނީ ސްކީ ލިފްޓް ކުންފުންޏެއް ކަމަށްވާ ގްލޭސިއާ 3000ގެ މުވައްޒަފަކަށެވެ. އޭނާއަށް ގްލޭސިއާ ތެރެއިން މީހެއްގެ ހަށިގަނޑުގެ ބައެއްގެ އިތުރުން ދަބަސްތަކަކާއި، ބޯތައްޓަކާއި، ބިއްލޫރި ފުޅިއަކާއި، އަންހެނަކާއި ފިރިހެނެއްގެ ބޫޓު ފެނުނު ކަމަށް އެކުންފުނީގެ ޑިރެކްޓަރު ބާންހާޑް ޝަނެން ވިދާޅުވި އެވެ.
އަދި ފުލުހުން ވަނީ އޭގެ ތެރެއިން ފޮތަކާއި، ދަބަހަކާއި އަތުގައި އަޅާ ގަޑިއެއް ފޮރެންސިކް އެނޭލިސިސް ހެދުމަށް ގެންގޮސްފައި ކަމަށާއި އެއީ ގެއްލުނު ދެމަފިރިންކަން ޔަގީން ކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ޑީއެންއޭ ޓެސްޓުތައް ހަދާނެ ކަމަށް ފުލުހުން ބުންޏެވެ. (ބީބީސީ)