ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރުގެ މައްސަލަ ބާތިލުވާނެ ކަމުގެ އިޝާރާތެއް ޕީޕީއެމްގެ ޕާލިމެޓްރީ ގުރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ދެއްވައިފި އެވެ.

ޕީޕީއެމުން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިއުލާނުކޮށްފައި ވަނީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.

ރޭ ކައުންސިލު ބައްދަލުވުމަށް ފަހު މީޑިއާ އާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ނޫންކަން މަޖިލީހުގެ ތަޅުމުން އިއުލާނު ކުރާ ހިސާބުން އެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށެވެ.

އަދި އެހާ ހިސާބުން މިހާރު ހުށަހަޅާފައިވާ މަސީހުގެ އިތުބާރުގެ މައްސަލައަށް ވާނެ ގޮތަކާ މެދު ވިސްނާލަން ނިހާން އެދިވަޑައިގަތެވެ. ނިހާން ވިދާޅުވީ އެހާ ހިސާބުން އެމައްސަލަ ސައްހަތޯ ސުވާލު އުފެދޭ ކަމަށެވެ.

"އެގޮތަށް އެކަން ވެއްޖެ ނަމަ މަޖިލީހުގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ މިހާރުގެ ވެސް ރައީސް މަސީހު،" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ ތަޅުމުން އެ މެމްބަރުންނަކީ ޕީޕީއެމްގެ މެމްބަރުން ނޫން ކަމަށް އިއުލާނު ކުރާ ހިސާބުން ގޮނޑި ގެއްލޭނެ ކަމަށް ނިހާން ވިދާޅުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން ރައީސް މައުމޫނު ވިދާޅުވެފައި ވަނީ އެހެން ހަމަ ބުންޏަސް ގޮނޑިއެއް ނުގެއްލޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ ހުކުމް ކުރި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު، އެ މެމްބަރަކު އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިވުން ނުވަތަ އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭނީ އިންތިޚާބުވި ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

އެ ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި މެމްބަރުންގެ ގޮނޑި ގެއްލޭކަމަށް އެ ހުކުމްގައިވާ ތިން ހާލަތު އިތުރަށް ތަފްސީލުކޮށްދީފަ އެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެ ހުކުމްގައި ބަޔާންކޮށްފައިވާ ތިން ހާލަތުން ކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީޚުގެ ކުރީގައި ވުޖޫދުވެފައިވާ، ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއާތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއާތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ޤަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސްގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަޠްބީޤު ނުވަތަ ތަންފީޛު ކުރުން ހުއްދަކުރެވިފައި ނުވާކަން އެ ޙުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.