17 May 2010, 15:23
19:00
ރާއްޖެ ހަތް އިދާރީ ދާއިރާ އަށް ބަހައިލުމަށް ހުރަސްނާޅާ ކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤު ކުރައްވައިފި އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ދެން ނިންމާ ގޮތަކަށް އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލު އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައި ލައްވައިފި އެވެ.
މި ދެ ބިލާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލުތައް ތަޞްދީޤު ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ފޮނުއްވުމުން، އެބިލެއް ތަޞްދީޤު ކުރައްވަނީ، އެ ބިލު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށުމުން ކުރިމަތިވެދާނެ ޤާނޫނީ، އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކަށާއި، އެޤާނޫނު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިޢާޔަތް ކުރެއްވުމަށްފަހުގައި ކަމަށެވެ. އަދި އެ ބިލުގައި ގާނޫނީ ބޮޑެތި މައްސަލަތައް ހުރި ކަމަށް ބަންޑާރަ ނާއިބު ލަފާދެއްވާފައިވީ ނަމަވެސް ބިލު ތަސްދީޤު ކުރެއްވީ، ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދަންޖެހޭ ކައުންސިލްތަކާއި، މަޤާމުތަކާއި އިދާރާތައް އުފެއްދުމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނައަޅައި ގޮސްފައިވާތީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑަށް ޢަމަލުކުރުން އިތުރަށް ލަސްކުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިނުގަންނަވާތީ ކަމުގައި ވެސް ވިދާޅުވި އެވެ. އަދި މި ބިލު ތަސްދީޤުކޮށް ޢަމަލުކުރަން ފެށުމުން ޤާނޫނީ އަދި މާލީގޮތުން ކުރިމަތިވެދާނެ މައްސަލަތަކާއި، އެޤާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ހައްލުކޮށް، އެޤާނޫނު ތަންފީޒުކުރުމަށް ކޮންމެހެން ހުށަހަޅަންޖެހޭ އިސްލާޙުތައްވެސް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާގޮތުގެމަތިން އެމްޑީޕީ މެދުވެރިކުރައްވައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގެ ބިލާމެދު އަލުން ވިސްނާވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވަމުން ވިދާޅުވީ، އެބިލުން އެތައް ރައްޔިތުންނެއްގެ ހައްގުތައް ގެއްލިފައިވާ ކަމަށް. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ދެން އެބިލު ފޮނުވާ ގޮތަކަށް އެމަނިކުފާނު ކަންތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.