19 Jul 2017, 10:00
މި އަހަރުގެ މާލޭ ލީގު ހުރިހާ ގޮތަކުން ތަފާތުވެފައި މުބާރަތެއްގައި ބަޔަކު ބަލަން ބޭނުންވާނެ ހުރިހާ ރަހައެއް ވަނީ އެ މުބާރާތުން ފެނިގެން ގޮސްފަ އެވެ.
މިރޭ އެ މުބާރާތުގެ އެންމެ ފަހު މެޗު ކުޅޭ އިރު އެ މެޗުގައި ވާދަކުރާނީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް އަދި އެންމެ ކާމިޔާބު ތާރީހެއް އޮތް އެއް ޓީމް ކަމަށްވާ ހެންވޭރަށް ނިސްބަތްވާ ނިއުރޭޑިއަންޓެވެ. އަނެއް ކޮޅުން ނުކުންނާނީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޓީމް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.
މިރޭ މި ދެޓީމް ކުޅޭ އިރު މެޗުން އެއްވަރު ކޮށްލައިގެންވެސް މާލޭ ލީގުގެ "ޓައިޓަލް" މާފަންނުގައި ބެހެއްޓުމުގެ ފުރުޞަތު އެބައޮތެވެ. އަދި މާޒިޔާ އިން ބުނީ ހެންވޭރަށް ނިސްބަތްވާ ނއިުރޭޑިއަންޓަށް ދޫ ނުދޭނެ ކަމަށާއި އެމީހުންގެ އުންމީދަކީ ރަންވަނައެއް މާލޭ ލީގުން ހޯދުން ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން މާޒިޔާގެ ތަޖުރިބާ ކޯޗު މާރްޔަން ސެކުލޮސްކީ ބުނީ އޭނާގެ ޓީމް އޮތީ މެޗުން މޮޅުވާން ކެތްމަދުވެފައި ކަމަށާއި އޭނާގެ އުންމީދަކީ މެޗުން ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެއް ނެރުން ކަމަށެވެ.
"އަހަރަމެން މިތިބީ ތައްޔާރަށް. ނިއުރޭޑިއަންޓާ އަލަށް ގުޅުނު މުހިއްމު ކުޅުންތެރިންނާ އެކު އެޓީމް އޮތީ ވަރަށް ފައްކާވެފައި މެޗަށް. އެކަމަކު، އެކަމަކު ހަމަބުނެލަން އޮތީ މާޒިޔާ ވެސް ވަކި ދެރައެއް ނުވާނޭ،" ބެންގަލޫރް އެފްސީ އަދި މޯހަން ބަގާން ފަދަ ޓީމްތަކާ އެކު މާޒިޔާއަށް ނަތީޖާ ނެރެދީފައިވާ ކޯޗް ބުންޏެވެ.

މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ސެކުލޮސްކީގެ ވާހަކާގައި އޭނާ ފަހަގަ ކުރި ގޮތުގައި މިރޭގެ މެޗުގައި ފެނިގެންދާނީ ރާއްޖޭގެ ދެ ޖެނެރޭޝަނެއްގެ ފުޓްބޯޅަ ކަމަށެވެ. އެގޮތުން އޭނާގެ ޓީމުގައި ނަގާ ކިޔަންތިބީ މިހާރުގެ ޒުވާން ކުޅުންތެރިން ނަމަވެސް ނިއު ލީޑު ކުރާނީ ތަޖުރިބާކާރު ކުޅުންތެރިންނެވެ. އަދި އެއީ ނިއުއަށް އޮތް ބޮޑު ފައިދާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ނިއުގެ ކޯޗު ކަމާ ދާދި ފަހުން ހަވާލުވި އޮސްކާ ވެސް ވަނީ މި ކުރިމަތިލުމާ ގުޅޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މާޒިޔާ އަދި ނިއުގެ ކުރިމަތިލުމަކީ އަބަދު ވެސް ފޯރިގަދަކޮށްދާ މެޗެއްކަން އޭނާ އަށް އެނގިފައިވާ ކަމަށާއި މި މެޗުގައި އޭނާ އަށް ބޭނުން ކުރެވެން އޮތް ހުރިހާ ހަތިޔާރެއް ބޭނުން ކުރާނެ ކަމަށެވެ.
ނއިުރޭޑިއަންޓް އެ މެޗަށް ނުކުންނަ އިރު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ އަލީ އަޝްފާގް( ދަގަނޑޭ) އަދި އިބްރާހިމް ފަޒީލް( އޮއްޕޮ) ވެސް މިވަގުތު ސްކޮޑުގައި އެބަތިއްބެވެ. ނަމަވެސް މިރޭ އެ ދެ ކުޅުންތެރިން ފެންނާނެ ކަމެއް ވެސް ނުވަތަ ނުފެންނާނެ ކަމެއް ވެސް އޮސްކާ ބުނެފައެއް ނުވެ އެވެ.
ޖުމުލަ ގޮތެއްގައި ނިއުގެ ކޯޗް ފާހަގަ ކުރީ މާޒިޔާގެ ހުރިހާ ޑިޕާޓްމަންޓްތަކެއްގެ ރޭވުންތެރިކަމުގެ ވާހަކަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މާޒިޔާއާ އެއްކޮށް ކުޅޭ އިރު ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށާއި ފަރުވާ ކުޑަކޮށްލައިގެން ހާސިލު ކުރަން ބޭނުންވާ މަގާމް ހާސިލް ނުވާނެ ކަމަށެވެ.

އޭޕްރީލް 13، 2017: މާލޭ ލީގުގައި ނިއު ރޭޑިއަންޓް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: ފޯރިގަދަ ކުޅުމަކަށް ފަހު 2 - 1 ލަނޑުން މެޗު ކާމިޔާބު ކުރީ މާޒިޔާ -- ސަން ފޮޓޯ // ފަޔާޒު މޫސާ
ކޮންމެ ގޮތެއް ވިޔަސް މި މެޗަކީ ނިއުއަށް ވެސް އަދި މާޒިޔާއަށް ވެސް މުހިއްމު މެޗެކެވެ. ހެންވޭރާއި މާފަންނު ބޮޑު ކުރިމަތި ލުމަކަށް ނުކުންނަ އިރު ދެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އައިސް އެ ދެޓީމަށް ސަޕޯޓް ކުރަން ދެ ޓީމުން ވަނީ އެދިފަ އެވެ.
މީގެކުރިން މި ދެޓިމް މާލޭ ލީގުގައި ވާދަކޮށްފައިވާ އިރު އެ މެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވީ މާޒިޔާ އެވެ.
މާލޭ ލީގުގެ ފަހު މެޗު އޮންނާނީ މިރޭ 21:00 ގަ އެވެ.