19 Jul 2017, 14:45
ރަންބީރު ކަޕޫރު އަދި ކެޓްރީނާ ކައިފްގެ 'ޖައްގާ ޖާސޫސް' އިން ފެނިގެން ދިޔަ އަސާމީ އެކްޓަރު އަދި ލަވަކިޔުންތެރިޔާ ބިދީޝާ ބޭޒްބަރޫއާ ދަންޖެހި މަރުވެފައި ހުއްޓާ ފެނިއްޖެ އެވެ.
ބިދީޝާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ މިދިޔަ ހޯމަ ދުވަހު، މުމްބާއީގައި އޭނާ ކުއްޔަށް އުޅެމުން ދިޔަ ގޭގެ ކޮޓަރީގަ އެވެ.
ފުލުހުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، ބިދީޝާގެ ހަށިގަނޑު ފެނުނީ ބިދީޝާ ފޯނަށް ޖަވާބު ނުދޭތީ ގޯހެއް އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބިދީޝާގެ ބައްޕަ އެކަން ފުލުހުންނަށް އެންގުމުންނެވެ.
ފުލުހުން ދިޔަ އިރު ގޭގެ މައި ގޭޓު ހުރީ އެތެރެއިން ތަޅުލާފައި ކަމަށާއި، ގެއަށް ވަނީ ދޮރު ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ބިދީޝާ އަކީ އަސާމްގައި ވަރަށް މަޝްހޫރު ފަންނާނެކެވެ. އޭނާ މުމްބާއީ އަށް ދިޔައީ ވަރަށް ފަހުންނެވެ.
ބިދީޝާގެ ބައްޕަ ވަނީ ބިދީޝާގެ ކައިވެނީގައި މައްސަލަތަކެއް އުޅޭކަމަށް ބުނެފަ އެވެ. ފުލުހުން މިހާރު ބިދީޝާގެ މެސެޖުތަކާއި ފޯނު ކޯލު ރެކޯޑިންގްތައް ބަލަމުން އަންނަ އިރު، ބޭނުން ޖެހިއްޖެ ނަމަ ބިދީޝާގެ ފިރިމީހާގެ ބަޔާން ނަގާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.