ކޮންމެ އާއިލާއެއްގެ މީހަކަސް، އަދި ކިތަންމެ މަތީ މަގާމެއް ފުރުއްވާ ބޭފުޅެއް ނަމަވެސް އެމީހެއްގެ މައްޗަށް ގާނޫނު ހިނގާނެ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިނގާނީ، އަދި ހިނގަމުން ދަނީ "އަސްލު ޑިމޮކްރަސީ" އެވެ.

"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް. ކޮންމެ އާއިލާއެއްގެ މީހަކަސް އަދި ކޮންމެ މަގާމެއް، ކިތަންމެ ބޮޑު އަދި މަޝްހޫރު މީހެއް ކަމުގައިވީ ނަމަވެސް އެމީހެއްގެ މައްޗަށް ގާނޫނު ހިނގާނެ. މިއީ އަސްލު ޑިމޮކްރަސީއަކީ،" ޝައިނީ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ، ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު، ފާރިސް މައުމޫން މިއަދު ހައްޔަރު ކުރުމާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާއިރު، އޭނާގެ ބައްޕާފުޅު، ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބޭފުޅުންނަކީ ތެދުވެރި ވަފާތެރި ބޭފުޅުން ކަމަށެވެ. އަދި މިހާރު ކުރާ މަސައްކަތަކީ އިސްލާހީ މަސައްކަތްތަކެއް ކަމަށާއި އެއްގޮތަކަށް ވެސް ރިޝްވަތު ދީގެން މެމްބަރުންތަކެއް ގަނެގެން ކުރާ ކަމެއް ނޫން ކަމަށް މައުމޫނު ވަނީ ވިދާޅުވެފައެވެ.