ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރުމާ ގުޅިގެން އޭނާގެ ދޮށީ ދައްތަ އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ދުންޔާ މައުމޫން ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

ފާރިސް ދިރިއުޅޭ ގެ، މ. ސްނޯރޯސް ބަލައި ފާސްކޮށް، ފާރިސް ހައްޔަރުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދިނުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.

ފާރިސް ހައްޔަރުކުރުމާ ގުޅިގެން ފާރިސްގެ ދައްތަ، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވަނީ، އޭނާގެ ތިން ކޮއްކޮއާ އެކު ކުޑައިރު ނަގާފައިވާ ފޮޓޯއެއް ޓްވީޓު ކުރައްވައި، ފާރިސްއާއި އޭނާގެ އަނބިކަނބަލުން އަދި ދަރިކަލުންނަށް ހިތްވަރު ދެއްވައިފައެވެ.

އެ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު ދުންޔާއަށް ފާޑުކިޔުން ރައްދުކުރަމުން ދިޔަ އިރު، ދުންޔާ އިތުރު ޓްވީޓެއް ކުރައްވައި ވިދާޅުވީ "ލެޔަކީ ފެނަށް ވުރެ ބޯ އެއްޗެއް" ކަމަށެވެ. މި ޓްވީޓުން ދުންޔާ މާނަކުރެއްވީ، ލޭގެ ގުޅުމަކީ އެހެން ހުރިހާ އެއްޗަކަށް ވުރެ ވަރުގަދަ ގުޅުމެއް ކަމެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުން ދުންޔާ ވަކިވެވަައިގެންނެވީ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަވަނަ ދުވަހުއެވެ. ހަ މަސް ދުވަހު ސަރުކާރާ ދުރުގައި ހުންނެވުމަށްފަހު ދުންޔާ އަލުން ސަރުކާރާ ގުޅިވަޑައިގެންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމާ ގުޅިގެންނެވެ.