ގޫގުލްފަދަ ބޮޑު އިންޓަނޭޝަލް ކުންފުންޏެއްގައި މަސައްކަތްކުރުމަކީ ބޮޑު ޝަރަފެކެވެ. ލިބޭ މުސާރައާއި އަދި ތަޖުރިބާ ހަމަގައިމުވެސް ދުނިޔޭގެ އެހެންކުންފުންޏަކާ އަޅާނުކިއޭނެއެވެ.

މުނާފް ކަޕާޑިއާ އަކީ ގޫގުލްގެ އައިޓީ ވަޒީފާއެއް އަދާކުރަމުންދިޔަ މީހެކެވެ. ނަމަވެސް މުނާފް ވަނީ ގޫގަލްގެ ވަޒީފާ ދޫކޮށްލުމަށްފަހު އިންޑިއާއަށް އެނބުރިއައިސް ސަމޯސާވިއްކުމުގެ ވިޔަފާރިއެއް ފަށާފައެވެ. މުނާފްއާ ހަވާލާދީ ފޯބްސްއިން ބުނިގޮތުގައި މިހާރު އޭނާގެ ވިޔަފާރިން އަހަރަކަށް 75000 ޑޮލަރު ފައިދާގެ ގޮތުގައި ލިބެއެވެ.

މުނާފްގެ މަންމަ އަކީ ކެއްކުމަށް ވަރަށް ފޯރިހުންނަ މީހެކެވެ. މަންމަކައިރިން އެއްޗެތި އޮޅުންފިލުވައިގެން " ބޮހްރީކިޗަން"ގެ ނަމުގައި ކުޑަކުޑަ ރެސްޓޯރެންޓެއް ފެށިއިރު އެންމެ ވިއްސަކަށް މީހުންނަށް ހިދުމަތްދިން ކަމުގައިވިޔަސް މުނާފުގެ ރެސްޓޯރެންޓުން މިހާރު ދަނީ މުމްބާއީގެ ބޮޑެތި އަދި މަޝްހޫރު މީހުންގެ ހަފްލާތަކަށް ކާނާގެ ބާވަތްތައް ތައްޔާރުކޮށް، ފޯރުކޮށްދެމުންނެވެ.

މުނާފްގެ ވިޔަފާރި ފުޅާވެފައިވާއިރު ބޮހްރީ ކިޗަންގެ ޖާދޫގައި ބޮލީވުޑްގެ މަޝްހޫރު މީހުންވެސް ވަނީ ޖެހިފައެވެ. ރާނީ މުކަރުޖީ، ފަރަހް ހާން އަދި ހުމާ ގުރައިޝީއަކީ މިރެސްޓޯރެންޓުން މިހާރު ގަވައިދުން ފެންނަ މޫނުތަކެވެ.

ބޮލީވުޑްގެ މަޝްަހޫރު ފަންނާނުން މުނާފްގެ ރެސްޓޯރެންޓްގައި

މުނާފް ވަނީ ފޯބްސްއިން ހޮވާލައިވާފައިވާ 30 އަހަރުން ދަށުގެ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިންގެ ލިސްޓުގައި ހިމެނިފައެވެ.