18 Jul 2017, 18:10
މަޝްހޫރު ވީޑިއޯ ސްޓްރީމިންގް ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ އޮންލައިން ސަބްސްކްރައިބަރުންގެ އަދަދު 104 މިލިއަނަށް އަރައިފިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ނެޓްފްލިކްސްގެ އެންމެ މަޝްހޫރު އެއް ސީރީޒް ކަމުގައިވާ 'ހައުސް އޮފް ކާޑްސް'---
ފިލްމާއި ސީރީޒްގެ އިތުރުން މުނިފޫހިފިލުވުމުގެ އެކިކަހަލަ ކޮންޓެންޓް ސްޓްރީމްކުރާ ނެޓްފްލިކްސް އިން ހާމަކުރާ ގޮތުގައި ހީކުރިވަރަށް ވުރެ ބޮޑު ފައިދާއެއް އެކުންފުންޏަށް ކޮށްފައިމިވަނީ ނެޓްފްލިކްސްގެ އޮރިޖިނަލް ކޮންޓެންޓްގެ ގޮތުގައި ފިލްމާއި ސީރީޒްތަކަށް އިތުރަށް އިންވެސްޓުކުރުމުގެ ސަބަބުންނެވެ.
މަޝްހޫރު ސީރީޒްތަށް ކަމަށްވާ 'އޮރެންޖް އިސް ދަ ނިއު ބްލެކް' 'ހައުސް އޮފް ކާޑްސް' އަދި މާވެލް-ނެޓްފްލިކްސްގެ ސީރީޒްތައް ކަމަށްވާ 'މާވެލްސް ޑެއާޑެވިލް' 'ލޫކް ކޭޖް' ފަދަ ސީރީޒްތަކުގެ ސަބަބުން އާންމުންގެ މެދުގައި ނެޓްފްލިކްސްގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ.

ނެޓްފްލިކްސް އޮރިޖިނަލް ސީރީޒްއެއް ކަމުގައިވާ 'ސްޓްރޭންޖާ ތިންގްސް' ---
ނެޓްފްލިކްސްގެ ސީއީއޯ ރީޑް ހެސްޓިންގްސް ވިދާޅުވި ގޮތުގައި 'ރަނގަޅު ކޮންޓެންޓް ތައް އުފެއްދުމުގެ ފޮނި ނަތީޖާ' އަކީ ސަބްސްކްރައިބަރުންގެ އަދަދު އިތުރުވެ މާލީ ފައިދާ އިތުރުވުމެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ފައިދާ އިއުލާނުކުރި ހިސާބުން ނިޔު ޔޯކް ސްޓޮކް މާކެޓްގައި ނެޓްފްލިކްސްގެ ހިއްސާގެ އަގުވަނީ 10 ޕަސެންޓު މައްޗަށް ގޮސްފައެވެ.