އެކިއެކި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން ވާހަކަދައްކާ ހެދުމުގައި އިމޯޖީ ބޭނުން ކުރުމަކީ މިހާރު އާންމުކަމެކެވެ. އަދި މަޝްހޫރު މީހުން އެމީހުންގެ އަމިއްލަ އިމޯޖީތައް ނެރުމާއެކު އެކަންވަނީ އަދި މާބޮޑަށް ވައިގައި ހިފައިފައެވެ. ޖަސްޓިިން ބީބާ އަދި ކިމްކާޑޭޝަން ނެރެފައިވާ އެމީހުންގެ އަމިއްލަ އިމޯޖީތަކަކީ އެގޮތުން ފާހަގަކޮށްލެވެ އިމޯޖީ ތަކެކެވެ.

ދުނިޔޭގެ އިމޯޖީ ދުވަހުގެ މުނާސަބަތުގައި އެޕަލް ކުންފުނިން ވަނީ އާ އިމޯޖީތަކެއް ނެރޭނެކަން ހާމަކޮށްފައެވެ. ޢޭގެ ތެރޭގައި ހިޖާބު އިމޯޖީއެއްވެސް ހިމެނެއެވެ.

"މިފަހަރު ތައާރަފްކުރާ އިމޯޖީތަކުގެ ސަބަބުން ގިނަބަޔަކަށް އެމީހަކު ފާޅުކުރަންވާ ބޭނުންވާ ޝުއޫރުތައް ފާޅުކުރަން ފަސޭހަވާނެ. މީގެ ތެރޭގައި އާ މޫނުތަކާއި، ޖަނަވާރާއި އަދި ބައިވަރު އާއެއްޗެތި ހިމެނޭ،" އެޕަލްއިން ނެރުނެ ބަޔާނެއްގައި ބުންޏެވެ.

މީގެކުރިން ސައުދީ އަރަބިއްޔާގެ ކުއްޖަކު ވަނީ ހިޖާބު ހިމެނޭ އިމޯޖީ ނުހިމެނޭތީވެ އެ ހިމެނުމަށް އެދި ޓްވިޓާގައި ކެންޕޭންވެސް ކޮށްފައެވެ.

އެޕްލައިން ހިޖާބު އީމޯޖީ ނެރޭނެކަން އިއުލާން ކުރުމާއިއެކު ހިޖާބާ ދެކޮޅު މީހުންވެސް ވަނީ ޓްވިޓާގައި އުތުރިއަރާފައެވެ. އަދި ހިޖާބަކީ އަންހެނުންނަށް އިހާނެތި އެއްޗެެއްކަމަށް ބުނެ ޓްވިޓާ ބޭނުންކުރާ މީހުން ވަނީ އެމީހުންގެ ރުޅިވެރިކަން ފާޅުކޮށްފައެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ އިމޯޖީތައް ކުރިއަށް އޮތްމަސްތަކުގެ ތެރޭގައި އެޕަލްގެ ފޯނުތަކާއި، އައިޕެޑް އަދި އެނޫން އެޕަލްގެ އުފެއްދުންތަކަށް ލިބިގެންދާނެއެވެ.