18 Jul 2017, 16:11
ގާހިރާ (ޖުލައި 18): ގަތަރުގެ ރައްޔިތުންނަށް ވިސާއާ ނުލައި ދެން މިސްރަށް ނުވަދެވޭނެ ކަމަށް މިސްރުގެ ފޮރިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ގާހިރާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފިޝަލުންނާ ހަވާލާދީ މިސްރުގެ މީޑިއާތަކުން ބުނާ ގޮތުގައި އެގަވާއިދަށް އަމަލު ކުރަން ފަށާނީ މާދަމާ ނުވަތަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
އެގަވާއިދަށް އަމަލު ކުރަން ފެށި ނަމަވެސް އޭގެ ސަބަބުން މިސްރުގެ ރައްޔިތުންނާ ކައިވެނިކޮށްފައިވާ މީހުންނާއި އެ ފަރާތްތަކުގެ ދަރިންނާއި މިސްރުގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ގަތަރުގެ ރައްޔިތުންނަށް އަދި ވެސް ވިސާއާ ނުލައި މިސްރަށް ވަދެވޭނެ ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިސްރުގެ އިތުރުން ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ބަހްރެއިން އިން ގަތަރާ ގުޅުން ކަނޑާލައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅީ ގަތަރުން ޓެރަރިޒަމަށް ފަންޑު ކުރާ ކަމަށް ބުނެ އެވެ.
އެގުޅުންތައް އަލުން ގާއިމު ކުރުމަށް ޓަކައި ގަތަރުން ފުރިހަމަ ކުރަން ޖެހޭ 13 ޝަރުތު ސައުދީ އާއި އިތުރު ގައުމުތަކުން ވަނީ މިިދިޔަ މަހުގެ 22 ވަނަ ދުވަހު ގަތަރަށް ހުށަހަޅައިފަ އެވެ. ނަމަވެސް ގަތަރުން ވަނީ އެޝަރުތުތައް ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)