ވޮޝިންޓަން (ޖުލައި 18) : އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އީރާނުން އިޙްތިރާމް ކުރާ ކަމަށާއި އެއެއްބަސްވުމާ އެއްގޮތަށް އީރާން އަމަލުކުރަމުން ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވެ ވަޑައިގެންފި އެވެ.

ޓްރަމްޕް މިކަމަށް އެއްބަސްވެ ވަޑައިގެންނެވީ ނިއުކްލިޔާ އެއްބަސްވުމަށް އީރާނުން އަމަލުކުރަމުން ގެންދޭތޯ ބަލައި އެކަން މުރާޖަޢާކޮށް ކަމާ ބެހޭ ގޮތުން ކޮންމެ ތިން މަހަކުން އެއްމަހު ވައިޓް ހައުސް އިން ކޮންގްރެސް އަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ރިޕޯޓްގަ އެވެ. މި ރިޕޯޓްގައި ޓްރަމްޕް އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާމެދު އީޖާބީ ނަޒަރަކުން ބައްލަވައި އެކަން ކޮންގްރެސް އަށް އަންގަވާފައިވާތީ މިމައްސަލާގައި އީރާނާ ދެކޮޅަށް އެމެރިކާގެ ކޮންގްރެސް އިން ދެން ދަތިކުރުމުގެ ފިޔަވަޅުތަކެއް ނޭޅޭނެ އެވެ. އަދި އެއްބަސްވުން އުވާލުމުގެ ފުރުސަތު ވެސް ޓްރަމްޕަށް ގެއްލޭނެ އެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމާ ދެކޮޅަށް ވަރަށް ހަރުކަށި އިބާރާތުން ވާހަކަ ދައްކަވައި އެއެއްބަސްވުމަކީ އެމެރިކާ މިހާތަނަށް ސޮއިކުރި އެންމެ ގޯސް އެއްބަސްވުން ކަމަށް ސިފަކުރައްވައި ވެރިކަން ލިބިއްޖެ ނަމަ އެ އެއްބަސްވުން އުވާލައްވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. ނަމަވެސް ޓްރަމްޕް މިހާރު އެ ޚިޔާލު ދޫކޮށްލައްވައިފިކަން އޭނާ މިވަނީ ހާމަކުރައްވައިފަ އެވެ.

އީރާނުގެ ނިއުކްލިޔާ އެއްބަސްވުން ބިނާވެފައިވަނީ އީރާނުން އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމުގެ ބައެއްކަންކަން މަޑުޖައްސާލުމަށާއި އަސްކަރީ ކަންކަމަށް ނިއުކްލިޔާ އެނާޖީ ތަރައްގީ ނުކުރުން (ނިއުކްލިޔަރ ބޮން ނުހެދުމުގެ) މައްޗަށެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ނިއުކްލިޔާ އެނާޖީ ތަރައްގީ ކުރުމުގެ ފުރްސަތު މިއެއްވުމުގެ ދަށުން އީރާނަށް ލިބިދެ އެވެ. އެހެންކަމުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލާކަށް ނުޖެހެ އެވެ.

އެމެރިކާގެ އިތުރުން ދުނިޔޭގެ ބޮޑެތި އެހެން ބާރުތަކާއެކު ދެހާސް ސާދަވަނަ އަހަރު އީރާނުން މިއެއްބަސްވުމުގައި ސޮއިކުރުމާ އެކު ނިއުކްލިޔާ މައްސަލާގައި އދ. ންނާއި އެމެރިކާ އިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައްވަނީ އުވާލާފަ އެވެ.

ނަތީޖާއެއްގެ ގޮތުން އީރާނަށް ވަނީ އިގްތިސާދީގޮތުން ބޮޑެތި ފައިދާތަކެއް ޙާސިލް ކުރުމުގެ ފުރްސަތު ލިބިފަ އެވެ. ނަމަވެސް އީރާނުން ބެލަސްޓިކް މިސައިލްގެ ޓެކްނޮލޮޖީ ތަރައްގީކޮށް ރޮކެޓް ސައެންސްގެ މަތީފެންވަރުގެ ރީސާޗްތައް ކުރިޔަށް ގެންދާތީ އެމައްސަލާގައި އީރާނާދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު އެމެރިކާ އިންވަނީ ދީފަ އެވެ. އެމެރިކާއަކީ އެގައުމަށް ހުއްދަކަންކަން އީރާންފަދަ އިސްރާއީލާ އިދިކޮޅު ގައުމުތަކަށް މަނާކުރާ ހަރުކަށި ވިސްނުމުގެ ގައުމެކެވެ.

އެމެރިކާވަނީ އީރާނަކީ އަދިވެސް މެދުއިރުމަތީގައިވާ އެންމެ ބޮޑު ނުރައްކާތެރި ގައުމު ކަމަށް ސިފަކޮށް އީރާން މައިތިރި ކުރަން ޖެހޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކާފަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ ފިޔަވަޅުތައް އަޅައި އީރާން ޝައިތޯނީ ގައުމަކަށް ހަދައި އީރާނުން ޓެރަރިޒަމަށް އެހިތެރިވާކަމަށް އެމެރިކާ ސިފަކުރަނީ އެންމެ ސަބަބެއް އޮވެގެންނެވެ. އެއީ އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާ ހަމައެކަނި ގައުމަކީ އީރާން ކަމަށްވާތީ އެވެ. އަދި އީރާނަކީ އިސްރާއީލާއި އިސްރާއީލުގެ ހިމާޔަތްތެރިޔާ ކަމަށްވާ އެމެރިކާއަށް ބޭނުން ގޮތެއް ހަދާލެވޭ ވަރަށްވުރެ މާ ހަރުދަނާ އަދި މާބާރުގަދަ އަދި ބޮޑު ގައުމަކަށްވެފައި އިސްރާއީލަކީ ނައްތާލަން ޖެހޭ ގައުމެއްކަމަށް އީރާން ފާޅުގައިބުނެ އަމަލުން އެކަން ދައްކަމުން ގެންދާތީ އެވެ.

މީގެ އިތުރުން އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ ޖަމާއަތަކީ އިސްރާއީލާ ކުރިމަތިލުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވެފައި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ފަހަތުގައި ވެސް އީރާން އޮތުމަކީ ވެސް އީރާނާމެދު އެމެރިކާ ހިތްހަމަނުޖެހޭ މައިގަނޑު ސަބެބެވެ. (ނޫސްއެޖެންސީތައް)