ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއާ އަދި މީގެ ކުރިން އެއްވަނަ ޑިިވިޝަނުގެ ބައެއް ޓީމުތަކަށް ކުޅެފައިވާ ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިއާ އަލީ އަޝްފާގުގެ ބޭބެ އަހްމަދު އަޝްފާން ގްރީން ސްޓްރީޓާއި ގުޅިއްޖެ އެވެ.

އަޝްފާނު އަލުން ގްރީންއާ ގުޅިފައިވާ އިރު އޭނާ އަކީ ގްރީން ދެވަނަ ޑިވިޝަނުގައި ވާދަކޮށް އެއްވަނަ ޑިވިޝަނަށް ކޮލިފައިވީ އިރު އެ ޓީމުގެ ކެޕްޓަނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގްރީންގެ ކޯޗް ސޮބާހް މުހައްމަދު ވެސް ވަނީ މީގެ ކުރިން އޭނާއާ އެކު ގައުމީ ޓިމަށް ކުޅުނު އާޝްފާން އަލުން އަނބުރާ ގްރީން އާ ގުޅުނު ކަން ކަށަވަރުކޮށްދީފަ އެވެ.

އޭނާ ބުނީ އަލުން އަނބުރާ އަޝްފާން ޓީމާ ގުޅެން ނިންމުމަކީ ލިބުނު އިތުރު ހިއްވަރެއް ކަމަށާއި މުހިއްމު މެޗުތަކެއް ކުރިއަށް އޮތް އިރު އަޝްފާން ފަދަ ތަޖުރިބާކާރު ކުޅުންތެރިއަކު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ސޮބާ ވަނީ މި އަހަރު އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިން ގްރީން ދޫކޮށް ދާނެ ކަން ވެސް ހާމަކޮށްފަ އެވެ. އެގޮތުން އެޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިއާ ދީމާ އަށް ދިމާވި އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހޭތީ އޭނާ ވެސް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ސޮބާ ވަނީ ބައެއް ކުޅުންތެރިން އެޓީމާ ގުޅެނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.