18 Jul 2017, 12:24
މާލޭ ލީގުގައި މިރޭ ޓީސީ ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ވިކްޓަރީ ކުޅޭ މެޗަށް ނުކުތުމުގެ ކުރިން އެ ޓީމަށް އޮތް ހިއްވަރަކީ ޓީސީއަށް ވުރެ ފަސޭހައިން ގަދަ ހަތަރަކަށް އެރުމުގެ ފުރުޞަތު އެޓީމަށް އޮތުން ކަމަށާއި ނަމަވެސް އެ މެޗު ފަސޭހަ ނުވާނެ ކަމަށް ވިކްޓަަރީގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
މާލޭ ލީގުގައި މިރޭ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ޓީސީ އަކީ އަބަދު ވެސް ކުޅެން އުނދަގޫ ޓީމެއް ކަަމަށާއި މެޗު ފަސޭހަ ނުވާނެ ކަމަށެވެ. އަދި އެ މެޗަށް ނުކުންނަ އިރު ޕްރެޝަރު ޓީސީ އަށް އޮތް ނަމަވެސް ވިކްޓަރީ އަށްވެސް މެޗު ފަސޭހަކޮށް ނުލެވޭނެ ކަމަށެވެ.
ސުޒޭން ބުނީ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެގެން ކަމަށާއި އެކުޅުންތެރިން ބޭނުންވަނީ ކޮންމެހެން ވެސް ތިން ޕޮއިންޓް ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓީސީގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީގެ ވިސްނުމަކީ މިރޭ މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށާއި ދެން ހުރި މެޗުތަކާއި މެދު އޭނާ ނުވިސްނާ ކަމަށެވެ.
އަދި ނިޒާމްބެ ބުނީ މާލޭ ލީގު ފެށި ހިސާބަށް ވުރެ މިހާރު ޓީސީގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅު ކަމަށާއި އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ކަަމަށެވެ. ނިޒާމްބެ ބުނީ އޭނާ އިދިކޮޅުން ކުޅޭ ވިކްޓަރީ އަށް ވެސް އަދި އެ ޓީމުގެ ކޯޗަށް ވެސް އިހުތިރާމް ކުރާ ކަމަށާއި މެޗަށް ނުކުންނާނީ އިދިކޮޅުން އޮތީ ކިހާވަރެއްގެ ޓީމެއް ކަން އެނގިގެން ކަމަށެވެ.
މާލޭ ލީގުގައި ވިކްޓަރީ އަދި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގައެވެ.