ވޮޝިންޓަން (ޖުލައި 18): އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި ވުޖޫދަށް ގެނައި ސިއްހީ ހިދުމަތްތަކާ ބެހޭ ގާނޫނު އުވާލައި، އޭގެ ބަދަލުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ފާސް ކުރަން މަސައްކަތްކުރާ ސިއްހީ ހިދުމަތްތަކާ ބެހޭ ބިލަށް ވޯޓު ނުދޭނެ ކަމަށް ރިޕަބްލިކަން ޕާޓީގެ އިތުރު ދެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ރިޕަބްލިކަން ޕާޓީން އެކުލަވާލި ހެލްތު ކެއާ ބިލް މިހާރު އޮތް ގޮތަށް ފާސް ކުރަން ތާއިދު ނުކުރައްވާނެ ކަމަށް ގާނޫނު ހަދާ މަޖިލީހުގެ ސެނެޓުގެ ދެ މެމްބަރުން ކަމަށްވާ މައިކް ލީ އާއި ޖެރީ މޯރާން ވިދާޅުވީ މީގެ ކުރިން ވެސް އެ ޕާޓީގެ ދެ މެމްބަރަކު އެފަދައިން ވިދާޅުވެފައި ވަނިކޮށެވެ.

އޭގެ ސަބަބުން ޓްރަމްޕްގެ ހެލްތް ކެއާ ބިލަށް ސެނެޓުގެ މެޖޯރިޓީ ވޯޓު ނުލިބޭނެ ކަމަށް މިހާރު ވަނީ ހީކުރެވިފަ އެވެ. ރިޕަބްލިކަން ޕާޓީގެ 52 މެމްބަރުން ސެނެޓުގައި ތިއްބަވާ އިރު އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ 46 މެމްބަރުންނާއި މިނިވަން ދެ މެމްބަރުން ތިއްބަވަ އެވެ. އޭގެ ތެރެއިން އިދިކޮޅު ފަރާތްތަކާއި މިނިވަން ދެ މެމްބަރުން ވެސް ވޯޓު ދެއްވާނީ ބިލާ ދެކޮޅަށް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެ އެވެ.

އެހެންކަމުން ރިޕަބްލިކަން ޕާޓީގެ ލީޑަރުންނަށް ވަނީ ބިލަށް އެއްވެސް ބަދަލެއް ގެނައުމަކާ ނުލައި އެ ބިލް ފާސް ކުރަން ސެނެޓުގައި ވޯޓު ނެގުމާ ބެހޭ ގޮތުން ވިސްނަން ޖެހިފަ އެވެ. ނަމަވެސް ސެނެޓް މެޖޯރިޓީ ލީޑަރު މިޗް މެކްކޮނެލް ވިދާޅުވި ގޮތުގައި ރިޕަބްލިކަން ޕާޓީން މަސައްކަތް ކުރާނީ ދެ އަހަރު ފަހުން ގާނޫނަށް އަމަލު ކުރަން ފަށާ ގޮތަށް މިހާރު އެބިލް ފާސް ކުރުމަށެވެ.

ރިޕަބްލިކަން ޕާޓީގެ ދެ މެމްބަރުންގެ އެނިންމުމާ ގުޅިގެން ރައީސް ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ "ފެއިލް ވަމުންދާ އޮބާމާކެއާ" އުވާލުމަށާއި އާ ހެލްތު ކެއާ ޕްލޭން ރަނގަޅު ކުރަން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެގޮތަށް އަމަލު ކުރުމުން ޑިމޮކްރެޓިކް ޕާޓީގެ ތާއިދު ވެސް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕަށް ރައްދު ދެމުން ޑިމޮކްރެޓިކް ޕާޓީން ވަނީ އޮބާމާކެއާ އުވާލުމަށް ތާއިދު ނުކުރާނެ ކަމަށާއި ނަމަވެސް އެގާނޫނު ރަނގަޅު ކުރުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ. (ބީބީސީ)