18 Jul 2017, 09:09
ހއ. އިހަވަންދޫގައި ހިންގާ އައިސް ޕްލާންޓްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ޅ. ހިންނަވަރު، އިސްމާއިލް އުމަރު(އިއްސެ)، 54،ގެ މަރާ ގުޅިގެން ހައްޔަރުކުރި ހަ ބިދޭސީންގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ޕޮލިހުގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އިއްސެގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަ ބިދޭސީންގެ ބަންދަށް 15 ދުވަސް ކުޅުދުއްފުށީ ކޯޓުން އިތުރުކޮށްފައިވާ ކަމަށެވެ.
މިއީ އެ މައްސަލާގައި އެބިދޭސީންގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރެވެ.
އެ މައްސަލާގައި ފުރަތަމަ ހައްޔަރުކުރީ އޭނާއާ އެކު އެތަނުގައި މަސައްކަތްކުރާ ޝުމަންމިއާ ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ ހައްޔަކުރީ ހދ. ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށެވެ. ފުލުހުން މީގެ ކުރިން ބުނީ ތަހުގީގުން ޝުމަންމިއާ ސުވާލު ކުރުމުން އިއްސެ މަރާލި ކަމަށް އޭނާ އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އަނެއް ފަސް ބިދޭސީންނަށް ކުރަނީ އިއްސެ މާރާލުމަށް ޝުމަންމިއާ އަށް އެހީތެރިވި ކަމުގެ ތުހުމަތެވެ.
މިދިޔަ މަހު 16 ވަނަ ދުވަހު އިއްސެގެ ހަށިގަނޑު ފެނިފައި ވަނީ ބޮޑެތި ޒަހަމްތަކަކާ އެކު އޭނާ މަސަތްކަތްކުރާ އައިސް ޕްލާންޓް ތެރޭގައި ހުރި އެކޮމަޑޭޝަން ރޫމްގައި މަރުވެފައި އޮއްވަ އެވެ. ކަރުގައި އެއްޗެއް އަޅުވައި ބާރުކުރުމުގެ ސަބަބުން ކަރު ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
އިއްސެގެ މަރާ ގުޅިގެން ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި އިއްސެ މަރާލާފައި ވަނީ ފައިސާގެ މައްސަލަތަކެއް ފެންމަތިވުމުންނެވެ.