ގިނަ ބަޔަކު އެދެމުން އަންނާތީ ނައިޓް މާކެޓަށް ތިން ރޭ އިތުރު ކޮށްފި އެވެ.

ނައިޓް މާކެޓް ބާއްވާ ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބް މިއަދު ވިދާޅުވީ ބާޒާރަށް ތިން ރޭ އިތުރު ކުރަން ނިންމީ ނައިޓް މާކެޓްގައި ބައިވެރިވާ 400 ވިޔަފާރިވެރިންގެ ތެރެއިން 325 ވިޔަފާރިވެރިން އިތުރު ތިން ރޭ ބާޒާރުގައި ވިޔަފާރި ކުރުމުގެ ފުރުސަތަށް އެދިފައިވާތީ ކަމަށެވެ. އަދީބު ވިދާޅުވީ ކުރިން އޮތް ގޮތަށް މިރެއަކީ ނައިޓް މާކެޓްގެ ފަހުރޭ ގޮތުގައި ހަމަޖެހިފައި އޮތް ނަމަވެސް އިތުރު ކުރި ތިން ރެއާއެކު އަންނަ ހުކުރު ދުވަހުގެ ރެއާ ހަމައަށް މަގުމަތީ ބާޒާރު ކުރިޔަށް ގެންދާނެ ކަމަށެވެ.

ނައިޓް މާކެޓްގެ ރޭތައް އިތުރު ކުރަން ގިނަ ބަޔަކު އެދުމުން ގައުމީ ޖަމިއްޔާއިން ވަނީ ވިޔަފާރިވެރިންނަށް ދެ ފުރުސަތެއް ހުޅުވާލައިފަ އެވެ. އެގޮތުން މިރޭ ވަކިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދީފައިވާއިރު އިތުރު ކުރާ ތިން ރޭގައި ބައިވެރިވާ ފަރާތްތަކުން ކުރިން މޭޒަކުން ސިޓީ ކައުންސިލަށް ނަގަން ހަމަޖެއްސުމަށްފަހު މައާފްކުރި 750ރ. ޖަމިއްޔާއަށް ދޭން އެއްބަސްވެފަ އެވެ.

"މުއްދަތު އިތުރު ކުރުމުން އަޅުގަނޑުމެންގެ އަތުން ވެސް ވަރަށް ގިނަ ހަރަދުތަކެއްދޭ، ކުނި އުކާލުމަށާއި ކަރަންޓާއި މިކަންތައްތަކަށް. އެހެންވެ އިތުރު ކުރާ ތިން ރޭ ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެދިގެން 750ރ. ޖަމިއްޔާއަށް ނަގާގޮތަށް ނިންމީ، ނަމަވެސް މިރޭ މާކެޓްއާ ވަކިވާ ފަރާތްތަކުގެ އެއްވެސް ހައްގެއް ގެއްލިގެން ނުދާނެ،" އަދީބް ވިދާޅުވި އެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ ފެށި ނައިޓް މާކެޓަށް މިއަހަރުވެސް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތް ކުރަމުން އަންނަ ކަމަށް ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.