އިންޑިއާގެ 14 ވަނަ ރައީސަކު އިންތިޚާބުކުރުމަށް ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންގޮސް ނިންމާލައިފިއެވެ.

ބަރުލަމާނީ ނިޒާމެއް އޮންނަ އިންޑިއާގައި، ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ރިޔާސީ އިންތިޚާބުގައި ވޯޓުލަނީ ސީދާ ރައްޔިތުންނެއް ނޫނެވެ. އެގައުމުގެ ރިޔާސީ އިންތިޚާބުގެ ވޯޓުގައި ބައިވެރިވަނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާއާއި ތިރިގެ، ލޮކް ސަބާއަށް އިންތިޚާބުވެފައިވާ މެމްބަރުންނާއި، އިންޑިއާގެ 29 ސްޓޭޓުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނާއި، ދިއްލީއާއި ޕޮންޑިޗެރީ ޔޫނިއަން ޓެރިޓަރީގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނެވެ.

އިންޑިއާގެ ރިޔާސީ 14 ވަނަ ދައުރަށް ކުރިމަތިލައްވާފައިވަނީ ދެ ކެންޑިޑޭޓެކެވެ. ބޮޑުވަޒީރު ނަރެންދްރާ މޯދީ ނިސްބަތްވެވަޑައިގަންނަވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އިން ކުރިމަތިލައްވާފައިވަނީ ބިހާރު ސްޓޭޓުގެ ކުރީގެ ގަވަރުނަރު ރާމް ނާތު ކޯވިންދެވެ. އޯގަސްޓް 2015 އިން ފެށިގެން ބިހާރު ސްޓޭޓުގެ ގަވަރުނަރުކަން ކުރެއްވި ރާމް އެމަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހު، ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމާ ގުޅިގެންނެވެ. ގާނޫނު ހަދާ މަޖިލީހުގެ މަތިގެ (ރާޖްޔާ ސަބާ)ގެ މެމްބަރުކަން 12 އަހަރު ދުވަހު އޭނާ ކުރެއްވިއެވެ. ހަތްދިހަ އެއް އަހަރުގެ ރާމް ވަނީ ގާނޫނީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައިފައެވެ.

އިދިކޮޅު އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ)ގެ ފަރާތުން އިންތިޚާބުގައި ވާދަކުރައްވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ ކުރީގެ ރައީސާ މީރާ ކުމާރެވެ. މީރާއަކީ ލޮކް ސަބާގެ ރައީސްކަން ކުރެއްވި އެންމެ ފުރަތަމަ އަންހެން ބޭފުޅާއެވެ. އިންޑިއާގެ ލޮކް ސަބާގެ މެމްބަރުކަން ފަސް ދައުރެއްގައި ކުރެއްވި މީރާ ވަނީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހްގެ ސަރުކާރުގައި އިންޑިއާގެ އިޖުތިމާއީ އަދާލަތާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. ސިޔާސީ ދާއިރާއަށް ވެދެވަޑައިގެންނެވުމުގެ ކުރިން އިންޑިއާގެ ޚާރިޖީ ވުޒާރާގައިވެސް މީރާ މަސައްކަތް ކުރައްވާފައިވެއެވެ. އުމުރުން 72 އަހަރުގެ މީރާ ވަނީ ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވައި، އިނގިރޭސި އަދަބިއްޔާތުން މާސްޓާޒް ޑިގްރީ ހާސިލުކުރައްވައިފައެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފިނަމަ މީރާ ވެގެންދާނީ އިންޑިއާގެ ރައީސާކަން ކުރައްވާ ދެވަނަ ބޭކަނބަލަށެވެ. އިންޑިއާގެ ފުރަތަމަ އަންހެން ރައީސާއަކީ 2007 އިން 2012 އަށް އެ މަގާމު ފުރުއްވި ޕްރަތީބާ ޕާޓިލްއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ނިމިފައިވާ އިރު، އެ އިންތިޚާބުގެ ވޯޓު ގުނުން އޮންނާނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެއީ އިންޑިއާގެ މިހާރުގެ ރައީސް ޕްރަނާބު މުޖަރުޖީގެ ރިޔާސީ ދައުރު ހަމަވުމުގެ ފަސް ދުވަސް ކުރިއެވެ.

އިންޑިއާގެ އާ ރައީސްކަމަށް ހޮވޭ ކެންޑިޑޭޓު، ރައީސްކަމުގެ ހުވާކުރުން އޮންނާނީ 2017 ޖުލައި 25 ވާ ދުވަހުއެވެ. އަދި އެ ދުވަހުން ފެށިގެން ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަކުރައްވާނެއެވެ.